ދުނިޔެ

ޖަބްހަތުއް-ނުސްރާގެ ނަން ބަދަލުކޮށްފި


ޖަބްހަތުއްނުސްރާ އަކީ އަލްގާއިދާ ގެ ގޮތްޕެއްގެ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. އެޖަމާއަތަކީ އައިއެސް ޖަމާއަތް ފަދައިން ސޫރިޔާއާއި އެނޫން ގައުމުތަކުގައިވެސް މީހުން މެރުމާއި ބޮންގޮއްވުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގާ އަދި ހައްދު ފަހަނަޅާފައިވާ ފިކުރުގައި އައިއެސް ޖަމާއަތާ މުޅިން އެއްގޮތް ޖަމާއަތެކެވެ. ނަތީޖާއެއްގެ ގޮތުން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއާއި ވިލާތުގެ ބާރުތަކާ އަދި ރަޝިޔާއިން ސޫރިޔާއަށް ދޭ ވައިގެ ހަމަލާތަކުގެ އަމާޒަކަށް ޖަބްހަތުއްނުސްރާ ވަނީ ވެގެންގޮސްފައެވެ. ޖަބްހަތުއްނުސްރާއިން އެޖަމާއަތުގެ ނަން ޖަބްހަތު ފަތްހުއްޝާމް ގެ ނަމަށް ބަދަލުކޮށް އަލްގާއިދާއާ ގުޅުންތައް ކަނޑާލިކަން އިޢުލާންކުރީ އެޖަމާއަތުގެ ލީޑަރު އަބޫމުހައްމަދުލް ޖޫލާނީއެވެ. މިކަންހާމަކޮށް އެޖަމާއަތުން މީޑިޔާއާބެހޭ މުއައްސަސާ ކަމަށްވާ "އަލްމަނާރަތުލް ބައިޟާ" އިން ނެރުނު ވީޑިޔޯ އެއްގައި ފުރަތަމަ ފަހަރަށް އަބޫމުހައްމަދުލްޖޫލާނީ ގެ މޫނު ވަނީ ފެނިގެން ގޮސްފައެވެ. 

އަބޫ މުހައްމަދުލް ޖޫލާނީ އަކީވެސް އައިއެސް ގެ ލީޑަރު އަބޫބަކުރުލް ބަޣްދާދީ ފަދައިން ފިލައިގެން އުޅޭ ޓެރަރަރިސްޓް ލީޑަރެކެވެ. އެމެރިކާއާއި ރަޝިޔާގެ ވައިގެ ހަމަލާތަކުން ސަލާމަތް ވުމަށްޓަކައި ޖަބްހަތުއްނުސްރާއިން ނަންބަދަލުކޮށް އަލްގާއިދާއާ ގުޅުންތައް ކަނޑާލިނަމަވެސް އެމެރިކާ ބުނެފައިވަނީ އެޖަމާއަތާމެދު އެމެރިކާ ދެކޭގޮތް ބަދަލުނުވާކަމަށާ އަލަށް އުފެއްދި "ޖަބްހަތު ފަތްހުއްޝާމް" ގެ އަމާޒުތަކަށް އެމެރިކާ ހަމަލާތައް ދެމުން ގެންދާނެކަމަށެވެ. 

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވީ ޖަބްހަތުއްނުސްރާގެ ނަން "ޖަބްހަތު ފަތްހުއްޝާމް" އަށް ބަދަލުކޮށް އަލްގާއިދާއާ ގުޅުންތައް ކަނޑާލިނަމަވެސް އެކަންކުރީ ހަމައެކަނި ނަމެއްގައިކަމަށެވެ. އަދި އެޖަމާއަތުގެ އަމަލުތަކާއި ހައްދު ފަހަނަޅާފައިވާ ފިކުރާ އަދި އަސްކަރީ އަގީދާ ބަދަލުނުވާކަމަށާ އެހެންކަމުން އަލަށް އުފެއްދި "ޖަބްހަތު ފަތްހުއްޝާމް" ގެ އަމާޒުތަކަށް އެމެރިކާއިން ހަމަލާތައް ދެމުންގެންދާނެކަމަށް ޖޯން ކާބީ ވިދާޅުވިއެވެ. 

ޖަބްހަތުއްނުސްރާގެ މިނިންމުމުގެ ސަބަބުން އެމެރިކާގެ ހަމަލާތަކުން ސަލާމަތް ނުވިނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ސޫރިޔާގެ މެދުމިނުގެ ފިކުރުގެ ޖަމާއަތްތަކާ ގުޅުންތައް ރަނގަނޅުކޮށް އެޖަމާއަތްތަކުގެ ސަފަށް ވަނުމުގެ ފުރުސަތު އަލަށް އުފެއްދި "ޖަބްހަތު ފަތްހުއްޝާމް" ޖަމާއަތަށް ލިބިގެންދާނެކަމަށް މުރާސިލުން ބުނެއެވެ. ޖަބްހަތުއް ނުސްރާއަކީ އަސްކަރީ އަގީދާއާއި ހައްދުފަހަނަޅާފައިވާ ފިކުރުގައި އައިއެސް އާ އެއްފަދަ ޖަމާއަތެއް ނަމަވެސް އެ ދެޖަމާއަތަކީ އިސްލާމީ ދުނިޔެއަށް ބާރާއި ނުފޫޒު ހިންގައި ވެރިކަމުގެ ބާރުތައް ހޯދުމަށްޓަކައި އަދި އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅައި ހަނގުރާމަކުރަމުން ގެންދިޔަ ދެ ޖަމާއަތެވެ. 

ޖަބްހަތުއްނުސްރާ ގެ މިނިންމުމުގެ ސަބަބުން އެޖަމާއަތުގެ ހަމައެކަނި އަމާޒަކަށް ވެގެންދާނީ ސޫރިޔާގެ ވެރިކަމުގެ ނިޒާމުވައްޓާލުންފަދަ ސޫރިޔާގެ ދާޚިލީ ކަންކަން ކަމަށާ އަލަށް އުފެއްދި"ޖަބްހަތު ފަތްހުއްޝާމް" ގެ އެއްވެސް ހަމަލާއެއް ބޭރުގައުމުތަކަށް އަމާޒު ނުވާނެކަމަށް އެޖަމާއަތުން ބުނެއެވެ.