އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ބްރައިޓަންގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ 60 މިލިޔަން ޕައުންޑުގެ ފީއަކަށް ޗެލްސީއަށް ވިއްކާލައިފިއެވެ.
އުމުރުން 23 އަހަރުގެ ޖޮއާއޯ ޕެޑްރޯގެ ސޮއި ޗެލްސީ އިން ހޯދާފައިވާއިރު ޕްރިމިއާ ލީގުގެ ދެ ކްލަބަކުން ވަނީ އޭނާ ހޯދުމަށް ބްރައިޓަން އާއި މަޝްވަރާކޮށްފަ އެވެ. ނަމަވެސް ނަން ހާމަ ނުކުރާ އެ ދެ ކްލަބުގެ ހުށައެޅުން ބްރައިޓަން އިން ވަނީ ދޫކޮށްލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީ އިން އެއްބަސްވެފައިވަނީ 55 މިލިއަން ޕައުންޑުގެ ފީގެ އިތުރުން އެޑްއޮންގެ ގޮތުގައި 5 މިލިއަން ޕައުންޑު ބަހާލައިގެން ބްރައިޓަން އަށް ދިނުމަށެވެ.
މިވަގުތު ބްރެޒިލްގައި ހުރި ޖޮއާއޯ ޕެޑްރޯ ޗެލްސީގެ މެޑިކަލް ހެދުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އަދި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި ބްރެޒިލްގެ ޕަލްމޭރާސް އާއި ދެކޮޅަށް އޭނާ ކުޅުމަކީ ކައިރި ކަމެއްކަމަށްވަނީ ބެލެވިފަ އެވެ.
2023 ވަނަ އަހަރު ވޮޓްފޯޑް އިން ބްރައިޓަން އަށް 30 މިލިއަން ޕައުންޑުގެ ފީއަކަށް ބަދަލުވި ޖޮއާއޯ ޕެޑްރޯ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ކްލަބަށް 30 ލަނޑު ޖަހާ އިތުރު 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޖޮއާއޯ ޕެޑްރޯގެ ސޮއި ޗެލްސީ އިން ހޯދިއިރު މީގެ ކުރިން އެ ކްލަބުން ވަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުންދިޔަ އިނގިރޭސި މިޑްފީލްޑަރ ޖެމީ ގިޓެންސްގެ ސޮއިވެސް ހޯދާފަ އެވެ. ނަމަވެސް އޭނާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެފައިވާތީ މި މުބާރާތުގައި އޭނާއަށް ޗެލްސީ އަކަށް ނުކުޅެވޭނެ އެވެ.
ކުރިއަށް އޮތް ސީޒަނަށް ޗެލްސީގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ކުރުމަށް އެންޒޯ މަރެސްކާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗެލްސީ އިން ވަނީ ލިއާމް ޑެލަޕް ވެސް އެ ޓީމަށް ގެންގޮސްފަ އެވެ.