ޚަބަރު

ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ


ސަމަރސެޓް ހޮޓެލް އާއި ކެތޭ ޕެސިފިކްއިން އިންތިޒާމުކޮށްގެން މާލޭ ސިޓީ ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ހިންގި މި ހަރަކާތުގައި ސިފައިންވަނީ މަސް މާރުކޭޓު ސަރަޙައްދުން ފެށިގެން ޢިއްޒުންދީން ފާލަމުގެ ފަޅުގެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެސަރަޙައްދަށް އެޅިފައިވާ ގިނަ އަދަދެއްގެ ކުނި ވަނީ ނަގާފައިވާއިރު، އޭގެ ތެރޭގައި ޓަޔަރު، ދަޅު، ޕްލާސްޓިކް ފުޅިފަދަ ތަކެތި ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއަދު މިހިންގި ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއި މާލޭ އޭރިއާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

ދަ "ސަމަރސެޓް" ހޮޓަލާއި ކެތޭ ޕެސިފިކް ގުޅިގެން މާލެތެރެ ސާފުކުރުމަށް ހިންގާ ސާފުކުރުމަށް ބޮޑު ހަރަކާތުގައި ބައިވެރިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ކެތޭ ޕެސިފިކްގެ ކޮންމެވެސް އެއް މަންޒިލަކަށް ހިލޭ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ. 

ކެތޭ ޕެސިފިކްގެ މަންޒިލްތަކުގެ ތެރެއިން ހޮންކޮންގ، ވޭންކޫވަރ އަދި ކެނެޑާ ފަދަ މަންޒިލަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިދޭ މި ހަރަކާތަކީ އިޖްތިމާޢީ ރޫޙުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއްކަމަށް ސަމަރސެޓް ހޮޓަލުން ބުނެއެވެ.