ޚަބަރު

ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގައި ކާމިޔާބުކަމާއެކު އިންވެސްޓްކުރުމުގެ ޔަޤީންކަން މިހާރު އިތުރު: ޚާރިޖީ ވަޒީރު


  • އިންވެސްޓަރުންނަށް ފަހިވާނެހެން ރާއްޖެއިން ވަނީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލާފައި

  • ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވިދާނެކަމަށް ވަޒީރު ވިދާޅުވި

ފޮރިން އިންވެސްޓްމެންޓްގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގައި ކާމިޔާބުކަމާއެކު އިންވެސްޓްކުރުމުގެ ޔަޤީންކަން މިހާރު އިތުރުވެފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސިންގަޕޫރު-ރާއްޖެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތީ ތާރީޚީ ގުޅުމެއް ކަމަށެވެ. ރާއްޖެ މިނިވަންވިތާ 10 އަހަރު ފަހުން ސިންގަޕޫރާއެކު ގުޅުން ޤާއިމުކުރިއިރު، އދ.ގެ މެންބަރުކަން 2 ޤައުމަށްވެސް ލިބުނީ އެއް ދުވަހެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އޭވިއޭޝަނާއި ފަތުރުވެރިކަމާއި ލޮޖިސްޓިކްސްއާއި އިޢާދަކުރަނިވި ހަކަތަ ޤާއިމުކުރުމާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ފާހަގަކުރެއްވިއެވެ. މި ދާއިރާތަކުން ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް މިހާރު ރާއްޖޭގައި ފަހިކޮށްދީފައިވާ ފުރުޞަތުތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ޤާނޫނު އިސްލާހުކޮށް، ޚާއްސަ އިޤުތިޞާދީ ސަރަހައްދު ތަރައްޤީކުރަމުންދާއިރު، ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން މިހާރު އިތުރުވެފައިވާ ކަމަށެވެ.

"އެކި އިންވެސްޓްމެންޓްތަކަށް ފުރުޞަތުތައް ފަހިކުރުމަށް ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އެ ތަނުގައި ބިނާރާއި ޑޭޓާ ލޯކަލައިޒޭޝަންއާއި ނޫ އިޤުތިޞާދާ ގުޅުންހުރި އެކި މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ. އަދި އިންވެސްޓަރުންނަށް ފަހިކުރުމަށް ޤާނޫނީ އޮނިގަނޑުތައްވެސް މިހާރު ވަނީ އެކުލަވާލާފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް 50 އަހަރު އިޤުތިޞާދީ ކުރިއެރުން ހޯދުމަށް 2 ޤައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުމަށްޓަކައި ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކުރައްވާފައިވެއެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 45 އަހަރަށްފަހު ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލު ގެނައުމެވެ. އަލަށް ގެނައި އިސްލާޙުތަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅި، އިންވެސްޓަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ.