ކަޒަކިސްތާނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.
ކަޒަކިސްތާނުގެ ރައީސް ކާސިމް ޖޮމާޓް ޓޯކާޔެވް ސޮއި ކުރައްވައި ތަސްދީޤު ކުރެއްވި ޤާނޫނުގައި ވަނީ އާންމު ތަންތަނުގައި މޫނު ނިވާވާފަދަ ފޭރަން ލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ. ކަޒަކިސްތާނުގެ މި ފަދަ ނިންމުމެއް ނިންމާފައި ވަނީ އެ ޤައުމު ނިޞްބަތްބާ މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ.
ކަޒަކިސްތާނުން ތަސްދީޤުކުރި ޤާނޫނުގައި ވާ ގޮތުން މޫނު ދެނެގަތުމަށް ހުރަސްއެޅޭ ފަދަ ފޭރާން އާންމު ތަންތަނުގައި ލުން މަނާ ވާނެ ކަމަށެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށާއި މޫސުން ގޯސްވުމުގެ ސަބަބުންނާއި ކުޅިވަރު ކުޅުމުގައިއާއި ސަގާފީ ކުޅިވަރުތައް ހުށަހެޅުމުގައި މި ފަދަ ފޭރާން ބޭނުން ކުރުން މި ޤާނޫނުން އިސްތިސްނާ ވެއެވެ. އެ ޤާނޫނުގައި މި ފަދަ ހެދުމަކީ ކޮން ދީނަކަށް ނިޞްބަތްވާ ކޮން ކަހަލަ ހެދުމެއް ކަމެއް ތަފްޞީލްކޮށްދީފައެއް ނުވެއެވެ.
ކަޒަކިސްތާނުގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ މުސްލިމުންނެވެ. އެ ޤައުމުގެ ރައީސް މީގެ ކުރިން ވަނީ އަލަށް ތަސްދީޤުކުރި ޤާނޫނަކީ ކަޒަކިސްތާނުގެ އަމިއްލަވަންތަކަން ދައްކައިދިނުމަށް ލިބިދޭ ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މޫނު ނިވާވާފަދަ ކަޅު ހެދުން އެޅުމުގެ ބަދަލުގައި ޤައުމީވަންތަ ހެދުން އެޅުން މާ ރަނގަޅު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ހެދުމުން ކަޒަކިސްތާނުގެ ނަސްލީ ވައްޓަފާޅި ދައްކުވައިދޭ ކަަމަށާއި އެ ހެދުންތައް މަޤުބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކިރިގިސްތާނުަގައި ވެސް މި ފަދަ ފިޔަވަޅެއް އަޅާފައިވެއެވެ. އެ ޤައުމުގެ ނޫސްތަކުން ބުނީ ޤާނޫނު ތަންފީޒު ކުރުމަށް އެ ޤައުމުގެ ފުލުހުން މަގުތަކުގައި ޙަރަކާތްތެރިވާ ކަމަށެވެ. ޤާނޫނާ ޚިލާފުވެއްޖެ ނަމަ 250 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޤަވާއިދާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރެއެވެ. އޭގެ އިތުރުން ތަޖިކިސްތާނުގެ ރައީސް އެމޮމަލީ ރަޅްމޮން ވެސް ވަނީ އާންމު ތަންތަނުގައި ޤައުމުގެ ސަގާފަތާ ބީރައްޓެެހި ހެދުން އެޅުން މަނާކޮށްފައެވެ.