ޚަބަރު

ހެވިކަމާއި ކުޅިވަރުތައް މާދަމާރެއަށް ފަސްކުރައްވައިފި


މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހެވިކަމާއި ކުޅިވަރުތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރައްވައި، މާދަމާ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ހެވިކަމާއި ކުޅިވަރުތައް މާދަމާ ރޭ  އޮންނާނީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް، 9:00ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ކުޅިވަރުތައްވެސް ކުރިއަށް ގެންދަވާނީ މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވި ގޮތަށެވެ.

މިއަހަރުގެ ކުޅިވަރުތަކުގެ ތެރޭގައި، 9 ސްކޫލަކުން 600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދާ 45 މިނިޓްގެ އައިޓަމެއް ހިމެނޭނެކަމަށް އެމިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އަދި 120 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުރިއަށްގެންދާ ބޮޑުބެރުގެ އައިޓަމަކާއި، ލަވައިގެ އައިޓަމްތައްވެސް މިފަހަރުގެ ކުޅިވަރުގައި ހިމެނިފައިވެއެވެ. އަދި އެމްއެންޑީއެފާއި، ކެޑޭޓް ކޯގެ ބޭންޑުގެ ޙަރަކާތެއްވެސް މާދަމާ ރޭ އޮންނާނެއެވެ.

ކުޅިވަރުތައް ބަލާލުމަށް ދަޢުވަތު އެރުވިފައިވާ ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވެދެވަޑައިގަތުން މާދަމާ ރޭ އިރުއޮއްސި 7:00 އިން ފެށިގެން އޮންނާނެ ކަމަށާއި، 8:45ގައި ދަނޑުގެ ގޭޓްތައް ބަންދުކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކުރައްވައެވެ. އެހެންކަމުން ދަޢުވަތު އެރުވިފައިވާ ބޭފުޅުން ގަޑިއަށް ވަޑައިގެންނެވުމަށް ސަމާލުކަން ދެއްވުމަށް އެމިނިސްޓްރީން އެދިވަޑައިގަންނަވައެވެ.