ޚަބަރު

ޑިއާޒް ގަންނަން ބަޔާންއިން ހުށަހެޅި ބިޑަށް ލިވަޕޫލްއިން ނޫނެކޭ ބުނެފި


ކޮލަމްބިއާގެ ފޯވާޑް ލުއިޒް ޑިއާޒް ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކްއިން ހުށަހެޅި ބިޑަށް ލިވަޕޫލްއިން ނޫނެކޭ ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ޑިއާޒް ހޯދުމަށް ބަޔާންގެ ހުށައެޅުމަށް ނޫނެކޭ ބުނެ ބަޔާންގެ ޑިރެކްޓަރ އޮފް ސްޕޯޓްސް މެކްސް އެބަރ އަށް ޑިއާޒް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ބަޔާން މިއުނިކް އިން ޑިއާޒް ހޯދުމަށް މަސައްކަތް ކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ސައުދި އަރަބިއްޔާގެ ކްލަބްތަކުގެ އިތުރުން މެންޗެސްޓަރ ސިޓީ އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މި ފަހަރު ބާސެލޯނާއިން ޑިއާޒް ހޯދުމަށް ލިބުނު ހުށައެޅުންވެސް ލިވަޕޫލް އިން ވަނީ ދޫކޮށްލާފަ އެވެ.

2022 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އިން ލިވަޕޫލް އާއި ގުޅުނު ޑިއާޒް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި އަދިވެސް ބާކީ ދެ އަހަރު އެބައޮތެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލްގެ އިތުރުން ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޑިއާޒް ވަނީ ޖުމްލަ 22 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބުކުރިއިރު އޭނާ ވަނީ 13 ލަނޑު ޖަހާ ހަތް ލަނޑު ޖަހަން ފުރުސަތުތަނަވަސްކޮށްދީފަ އެވެ.

ލިވަޕޫލް އިން ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރަން ނިކުންނައިރު އެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޖިއޮވާނީ ވެންބްރޮންކޮސްޓް ވަނީ ހަމަޖައްސާފަ އެވެ. ވެންބްރޮންކޮސްޓް ވަނީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޕްރިމިއާ ލީގުގެ އާސެނަލް އަށް ކުރިން ކުޅެފަ އެވެ. އަދި ރޭންޖާރސް އާއި ބެސިކްޓާސްގެ އިތުރުން ފެނޫޑް އަށް ކޯޗުކޮށްދީފަ އެވެ.