ޚަބަރު

ގެއެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފި


  • ބަންދު ކޮށްފައިހުރީ ބަންގްލަދޭޝް ފިރިހެނެއް

  • އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިނުވާކަމަށް ފުލުހުން ވިދާޅުވި

މާލޭގެ ގެއެއްގެ ތެރޭގައި ބަންދު ކޮށްފައިހުރި ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދު ކޮށްފައި ހުރިކަމަށް ބުނެ މިއަދު ހެނދުނު 06:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އެތަނުގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެމީހާ އެތަނުން ނެރެފައިވާ ކަމަށެވެ. އަދި ބަންދު ކޮށްފާހުރީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.