ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލު ކުރަން އެދުނު ކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ.
ރެއާލް މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިވި މެޗަށްފަހު ޔުވެންޓަސްގެ ކޯޗު އީގޯ ޓޫޑޯ ބުނެފައިވަނީ އެމެރިކާގެ ގަދަ ހޫނުގައި ކުޅުނު މި މެޗުގައި ހޫނު ގަދަވުމުގެ އަސަރު ވަރަށް ގިނަ ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ.
"މިއީ ވަރަށް ގަދަ ހޫނުގައި ކުޅުނު މެޗެއް އަދި އެކަމުގެ ސަބަބުން ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލު ކުރަން އެދުނު." ޓޫޑޯ ބުންޏެވެ.
އެމެރިކާގެ މަޔާމީގައި މި މެޗު ކުޅުނުއިރު ހޫނު މިން 30 ޑިގްރީގައި ހުރިއިރު ހިއުމިޑިޓީ ހުރީ %70 ގަ އެވެ.
ޔުވެންޓަސްގެ ކޯޗު އީގޯ ޓޫޑޯ މިހެން ބުނެފައިވާއިރު މި މުބާރާތުގައި ވާދަކުރާ ޔޫރަޕްގެ އެހެން ކްލަބްތަކުންވެސް ވަނީ ހޫނު ގަދަވުމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮރޫޝިޔާ ޑޯޓްމަންޑްގެ ކޯޗު ނިކޯ ކޮވަޗްގެ އިތުރުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވެސް ވަނީ ހޫނު ގަދަވުމުގެ ސަބަބުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ފީފާގެ ގަވާއިދުތައް ބުނާ ގޮތުން މެޗު ކުޅެމުންދާއިރު 32 ޑިގްރީއަށްވުރެ ހޫނު ގަދަވެއްޖެނަމަ ކޫލިން ބްރޭކް ދޭން ޖެހޭނެ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕް މުޅިން އައު ފޯމެޓަކަށް މި ފަހަރު އެމެރިކާގައި ކުރިއަށް ގެންދާއިރު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއް އެމެރިކާގައި ކުޅޭނެ އެވެ. އެހެންކަމުން ވޯލްޑް ކަޕްގެ މެޗުތަކަށް ހޫނު ގަދަވުމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެ އެވެ.