ކުޅިވަރު

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ފައިނަލްގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށް


ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ޗައިނީސް ޓައިޕޭ ބަލިކުރުމަށްފަހު، ގްރޫޕް ބީގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ރާއްޖޭގެ ޓީމުން މިމެޗު ކާމިޔާބުކޮށްފަވަނީ 51-39 ގެ ތަފާތަކުންނެވެ. މާދަމާ ފައިނަލުގައި ރާއްޖެއިން ނުކުންނާނީ އަވަށްޓެރި ޕާކިސްތާނާ ދެކޮޅަށެވެ.

މިހާތަނަށް މިމުބާރާތުގައި ރާއްޖެއިން ފަސް މެޗު ކުޅެފަވާއިރު ރާއްޖެއިން ބަލިވެފަވަނީ ހަމައެކަނި ޕާކިސްތާނާ ވާދަކުރި މެޗުގައެވެ. އަދި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުން އަންނަނީ މިމުބާރާތުގައި ވަރުގަދަ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ރާއްޖެއިން ކާމިޔާބު ކުރި ހުރިހާ މެޗެއްހެން ކާމިޔާބުކޮށްފަވަނީ ބޮޑު ފަރަގަކުންކަން ފާހަގަކޮށްލެވެއެވެ.

އޭޝިއާގެ ގައުމުތައް ދެ ގުރޫޕަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ ކުރީގައި އޮތް ހަ ގައުމެވެ. އެ ގައުމުތަކުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންގކޮންގއެވެ.

ރާއްޖެ ހިމެނޭހެން އަނެއް ހަ ގައުމު އޮތް ގްރޫޕް ބީ އިން މިމުބާރާތުގައި ވާދަކުރާނީ ކަޕް ޗެމްޕިއަންކަމަށެވެ. މިއީ ރޭންކިންގެ ހަ ވަނަ އާއި 11 ވަނައާ ދެމެދުގެ ގައުމުތައް ވާދަކުރަމުންދާ ގްރޫޕެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީއަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.

މާދަމާ ކުޅޭ މި ގްރޫޕުގެ ފައިނަލް މެޗަކީ، އޭޝިއާގެ ޔޫތު ރޭންކިންގެ ހަ ވަނަ އާއި ހަތް ވަނަ ކަނޑައަޅާ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 6 ޖަހާއިރެވެ.