އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، އަންނަ އަހަރު، ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުއްމީދުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި އެ މުނާސަބާ ވެގެންދާނީ ދެ ޤައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެކަމުގެ އިތުބާރު އެބައޮތްކަން ހާމަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިއަހަރު ފާހަގަކުރަމުންދަނީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމުން ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާޚަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ އެ ޤައުމުގެ ސަފީރެއް އައްޔަންކޮށްފައިވެއެވެ.