ޚަބަރު

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތު


ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ފުޅާ ދާއިރާއެއްގައި ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ހެކި ނެދަލެންޑްސްއާއި ޖަރުމަނިވިލާތުގެ ޖާސޫސީ އިދާރާތަކުން އެއްކޮށްފިއެވެ.

ނެދަލެންޑްސްގެ ދިފާޢީ ވަޒީރު ރޫބެން ބްރެކެލްމަންސް ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުން ދުވަހެއް ދުވަހަކަށް އިތުރުކުރަމުންދާ ކަމަށާއި އެއީ ރަޝިޔާގެ ހަމަލާތަކުގައި މިހާރު އާންމުވެފައިވާ ކަމެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އެ ކަން ފާހަގަވަމުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަރުމަނުވިލާތުގެ ބޭރުގެ ޖާސޫސީ އިދާރާ، ބީއެންޑީން ވެސް ވަނީ މި ހޯދުންތައް ކަށަވަރުކޮށްދީފައެވެ. އެ އިދާރާއަށް ވެސް ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

ނެދަލެންޑްސްގެ ޑަޗް މިލިޓަރީ އިންޓެލިޖެންސް އޭޖެންސީ، އެމްއައިވީޑީގެ އިސްވެރިޔާ، ޕީޓަރ ރީސިންކް ވިދާޅުވީ ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމަށް ކަށަވަރުކޮށްފައި ވަނީ އެ އިދާރާއިން ވެސް އަމިއްލަ ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެމްއައިވީޑީގެ ތަހުޤީޤުތަކަށް ވެސް އެ ކަން ޔަޤީންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުވިލާތުން އެންމެ ފުރަތަމަ ބޭނުންކުރި ކެމިކަލެއް ކަމަށްވާ ކްލޮރޯޕިކްރިން ރަޝިޔާއިން މިހާރު ބޭނުންކުރާ ކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެއީ މިިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކްލޮރޯޕިކްރިންއަކީ މުޒާހަރާތައް ރޫޅާލުމަށް އާންމުކޮށް ބޭނުންކުރާ ގޭސްތަަކަށްވުރެ ގެއްލުން ބޮޑު ކެމިކަލެކެވެ. ކްލޮރޯޕިކްރިންގެ ސަބަބުން ހަންގަނޑަށާއި ލޮލާއި ނޭވާލާ ނިޒާމަށް އުނދަގޫތައް ކުރިމަރިކުރުވައެވެ. އެ ކެމިކަލް ހަށިގަނޑަށް އެތެރެވެއްޖެނަމަ އަނގައާއި ބަނޑު ފިހެއެވެ. އަދި ހޮޑުލަވާގޮތްވުމާއި ހޮޑުލެވުމާއި ނޭވާއަށް އުނދަގޫވުމާއި ނޭވާ ކުރުވުންފަދަ ކަންކަން މެދުވެރިވެއެވެ.

ޔޫކްރެެެއިނުން ވެސް ވަނީ ރަޝިޔާގެ ޙަމަލާތަކުގައި ކެމިކަލް ހަތިޔާރު އެތައް ހާސް ފަހަރެއްގެ މަތިން ބޭނުންކޮށްފައިވާ ކަމަށް ތުހްމަތުކޮށްފައެވެ. އެ ގޮތުން ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން 9،000އަށްވުރެ ގިނަ ޙަމަލާ ރަޝިޔާއިން ދީފައިވާ ކަމަށާއި، އެ ޙަމަލާތަކުގެ ސަބަބުން 1،000އަށްވުރެ ގިނަ މީހުންަނަށް ޒަޚަމްވެ ތިން މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ހަނގުރާމައިގެ މައިދާނުގައި ޙަރަކަތްތެރިވާ 2،500އަށްވުރެ ގިނަ ސިފައިންގެ ކިބައިން ކެމިކަލް ހަތިޔާރަށް ހުށެހެޅުމުން ފެންނަ އަލާމަތްތައް ފެނިފައިވާ ކަަމަށް ވެސް އެ ޤައުމުން ބުނެއެވެ.

ރީސިންކް އިތުރަށް ވިދާޅުވީ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއިން ދެމުންދާ ޙަމަލާތަކަކީ އެ ކަމަށް ރާވައިގެން، ނިޒާމީ ގޮތަކަށް ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. އެ ފަދަ ހަތިޔާރު ބޭނުންކުރުމަށް ރަޝިޔާއިން ސިފައިންނަށް ރަސްމީކޮށް އަންގާފައިވާ ކަމަށާއި، އެ ފަދަ ހަތިޔާރު ބޭނުންކުރުމަކީ ރަޝިޔާގެ އަސްކަރިއްޔާއިން ހިންގާ ޙަރަކާތްތަކުގައި ހިމަނާފައިވާ ހަނގުރާމަމަތީ އުކުޅެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ފުޅިއާއި ބޮކިފަދަ ތަކެއްޗަށް ކްލޮރޯޕިކްރިން އަޅައި ޑްރޯންތަކުގައި އެ ތަކެތި އެލުވައި އެ ގޭސް ދޫކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. ރަޝިޔާއިން މި ފަދަ އަމަލުތައް ކުރަމުންދާކަން ދުނިޔެއަށް ހާމަކޮށް ނުދެވޭނަމަ އެ ޤައުމުން އެ ފަދަ ޙަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރެކެލްމަންސް ވިދާޅުވީ ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން ނުރައްކާ ވަނީ ހަމައެކަނި ޔޫކްރެއިނަށް ނޫން ކަމަށާއި އޭގެ ނުރައްކާ އެހެން ޤައުމުތަކަށް ވެސް އޮތް ކަމަށެވެ. އެހެންކަމުން ރަޝިޔާއާ ދެކޮޅަށް ކުރިމަތިކުރުވާ ފިއްތުންތައް އިތުރުކުރަން ޖެހޭ ކަމަށާއި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެމިކަލް ހަތިޔާރު ބޭނުންކުރުން މަނާކުރާ ބައިނަލްއަޤްވާމީ އިދާރާ، އޯޕީސީޑަބްލިއުފަދަ އިދާރާތަކުގެ އެކްސެކެޓިވް ކައުންސިލުން ރަޝިޔާއަށް ޖާގަ ދިނުން ހުއްޓަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ އެ ޤައުމާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޤައުމުން ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށާއި އެ ފަދަ ހަތިޔާރު ބޭނުންކުރަނީ ޔޫކްރެއިނުން ކަމަށް އެ ޤައުމުން ތުހުމަތުކުރެއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، މާރިޔާ ޒަޚާރޯވާ ވިދާޅުވީ އެ ޤައުމުގެ ފެޑެރަލް ސެކިއުރިޓީ ސަރވިސްއަށް ޔޫކްރެެއިންގެ ކްލޮރޯޕިކްރިން ހިމެނޭ ގޮވާތަކެތިތަކެއް އެ ޤައުމުގެ އިރުމަތީ ސަރަޙައްދަކުން ފެނިފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ވެސް މި ތުހުމަތުތަކަށް ދެކޮޅުހަދައެވެ.

193 މެންބަރު ޤަައުމުގެ މައްޗަށް އެކުލެވޭ އޯޕީސީޑަބްލިޔުއިން މިދިޔަ އަހަރު ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގައި މާ ބޮޑު ބުރަދަނެއް ނެތް ކަމަށް ބުނެފައެވެ. އެ ތުހުމަތުތައް ތަހުޤީޤު ކުރުމަށް އެއްވެސް މެންބަރު ޤައުމަކުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެެވެ.