އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ރޭ މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެއެވެ.
އެއް މަސް ދުވަހަށްފަހު އިންޓަރ މަޔާމީ އިން މޭޖަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު, އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި އިންޓަރ މަޔާމީ ވާދަކުރުމާއިއެކު ލީގުގެ ގިނަ މެޗުތަކެއް އިންޓަރ މަޔާމީ ކުޅެފައިވަނީ މަދުންނެވެ. އެގޮތުން އެއް ވަނައިގައި އޮތް ސިންސިނާޓީ 21 މެޗު ވަނީ ކުޅެފަ އެވެ.
މި މެޗުގެ ދެވަނަ މިނިޓުގައި މޮންޓްރިއާލްގެ ޕްރިންސް އޮވޫސޫ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 33 ވަނަ މިނިޓުގައި ޓަޑެއޯ އަލެންޑޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މަޔާމީއަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި ޓެލަސްކޯ ސެގޯވިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ލުއިސް ސުއަރޭޒް ދިން ޕާހަކުން ލިއޮނެލް މެސީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އިންޓަރ މަޔާމީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.