ޚަބަރު

"ކައުންސިލް އިމާރާތް އެޅުމުގެ އެއްބަސްވުން ބާޠިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން"


  • އެއްބަސްވުން ބާޠިލްކުރިނަމަވެސް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ

  • އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒިރު ޢާދަމް ޝަރީފް ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައިިވާކަމަށެވެ. އަދި އެ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

55 ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިޔާގެ އެ ކުންފުންޏާ ހަވާލުކުރީ މިއހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް އިމާރާތް ކުރުމަށްވެސް ނިންމަވާފައެވެ.

އާ ކައުންސިލްތަކުގެ އިމާރާތްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށާއި މަސައްކަތް ކުރުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށެވެ.