ޚަބަރު

މިނިވަން 60 ގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ނިންމަވައިފި


  • ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް މި ލޯގޯ ޖަހަން ޖެހޭ

  • މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމް

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށެވެ..

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއެކު ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސަރުކާރު އޮފީސްތަކަށް ދެއްވާނެކަމަށެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް މިހާރު ވަނީ ދައްކާލާފައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު މިއަހަރު ފުރުމާއި ގުޅުވައި މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިމަހު ކުރީކޮޅު ހުޅުވާލިއެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ލޯގޯގައި ދިވެހި ރާއްޖެ ރަމްޒުވާ ކުލަތައް ބޭނުންކުރުމަށް އުސޫލުގައި ހިމަނާފައިވެއެވެ.