ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އުފެއްދުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. މިމަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 1 އިން 6 އަށް ބާސެލޯ ނަސަންދުރަގައެވެ.
އިޤްތިޞާދީ ވުޒާރާއިން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީގެ ފަންނީ އެހީތެރިކަމާއެކު ބްރިޓިޝް ކައުންސިލް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ގިނަ ދާއިރާތަކުން މީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސެޝަންތަކުގައި ކޮންމެ ދުވަހަކުވެސް އެކި އިދާރާތަކާއި މުޢައްސަސާތަކާއި އެނޫންވެސް، ފަންނީ ތަޖުރިބާކާރުން ހިމެނިގެން 50 ވަރަކަށް މީހުން ބައިވެރިވާ ކަމަށް، އިޤްތިޞާދާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ސެޝަންތަކުގައި އުފެއްދުންތެރި އިޤްތިޞާދުގެ އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތަޞައްވުރު ހިއްސާކޮށް، ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޚިދުމަތާއި ތަކެތި އުފެއްދުމާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި، ދެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަންފާ އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވީ މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ގެންދެވުނީ އުފެއްދުންތެރިންނާއި މަސައްކަތްތެރިންނާއި އެއް ޕްލެޓްފޯމަކަށް ގެނެސް ބޭއްވި މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.
" ފަތުރުވެރިކަމުގެ ދާއިރާގެ 14 ފަރާތަކާއި، އަދި ކްރިއޭޓިވް އިންޑަސްޓްރީން ހޮވާލެވުނު، 20 ފަރާތެއް ގެނެސް މަޝްވަރާ ބައްދަލުވުންތަކެއް މި ބޭއްވީ. މީގެތެރެއިން ވިޔަފާރި އައިޑިއާތަކެއްވެސް ލިބިގެން ދިޔަ. މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރަން ބަލާއިރު، މިހާރު މި އިންޑަސްޓްރީގައި އެއް ކްރިއޭޓަރ އަނެއް ކްރިއޭޓަރ ކޮލާބްރޭޓް ކުރުން އެހާ އާންމު ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ދެން ބެލީ އެއް ސިނާޢަތާއި އަނެއް ސިނާޢަތް ގުޅުވާ ކިހިނެތްތޯ އެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުވާލާނީ. " އިޤްތިޞާދާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވިއެވެ.
މިމަސައްކަތުގެ ބައްދަލުވުމުގައި ސަރުކާރުގެ މުޢައްސާސަތަކާއި އިދާރާތަކުގެ ޚިޔާލު ހޯދައި މި ސިނާޢަތް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
މިމަސައްކަތު ބައްދަލުން ބޭއްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިން އޭޑީބީގެ ފަރާތުންވެސް ވަނީ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އެކި ފަރާތްތަކުގެ ޚިޔާލުތައް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ ސިނާޢަތެއް ކުރިއެރުވުމުގެ މުހިންމުކަން އޭޑީބީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރު، އިޤްތިޞާދުގެ 15 އިންސައްތަ ކްރިއޭޓިވް އިކޮނޮމީ ހިއްސާކުރާ ގޮތަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެ އަހަރަކަށްވާނެކަމަށް ވިދާޅުވެފައެވެ.