ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށް މެކްސިކޯ އިން 10 ވަނަ ފަހަރަށް ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެމެރިކާގެ ހޫސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ކާމިޔާބު ކުރުމާއިއެކު މެކްސިކޯ ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޗެމްޕިއަންކަން ހޯދާފައިވާ ގައުމަށް ވެފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މެކްސިކޯ އިން ހޯދިއިރު އެ ޓީމު މި މުބާރާތުގެ މެޗަކުން ބަލިވެފައެއް ނުވެއެވެ.
މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެމެރިކާ ކުޅުނު މި މެޗުގެ 4 ވަނަ މިނިޓުގައި ކްރިސް ރިޗަޑްސް ވަނީ ލަނޑެއް ޖަހާ އެމެރިކާއަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ސެބަސްޓިއަން ބަރހޯލްޓަރ ނަގައިދިން ހުރަހަކުން ބޮލުންޖަހާ ރިޗަޑްސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ 23 މިނިޓު ފަހުން މެކްސިކޯގެ ރައުލް ހިމިނޭޒް ވަނީ ލަނޑެއް ޖަހާ މެކްސިކޯ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ހިމިނޭޒް މި ލަނޑު ޖެހުމަށްފަހު ވަނީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި މަރު ޕޯޗުގަލްގެ ފޯވަޑް ޑިއެގޯ ޖޮޓާގެ ހަނދާން އައުކޮށްފަ އެވެ. ހިމިނޭޒް ވަނީ ޖޮޓާ އާއިއެކު ޕްރިމިއާ ލީގުގެ ކްލަބް ވޮލްވްސް އަށް ކުޅެފަ އެވެ.
މި މެޗުން މެކްސިކޯ މޮޅުވި ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑްސަން އަލްވަރޭޒް އެވެ.
ދެކުނު އެމެރިކާގެ ގައުމު ތަކުގެ މެދުގައި ކުޅެވޭ ގޯލްޑް ކަޕްގައި ޖުމްލަ 16 ގައުމު ވާދަކުރިއިރު އޭގެ ތެރެއިން އެމެރިކާ ބައްރުން ބޭރު ގައުމަކަށް މި މުބާރާތުގައި ވާދަކޮށްފައިވަނީ ސައުދި އަރަބިއްޔާ އެވެ.
ދާދި ފަހުން އެމެރިކާގެ ކޯޗު ކަމާއި ހަވާލުވި ޕޮޗެޓީނޯ ވަނީ 2019 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. އެމެރިކާގެ ކޯޗު ކަމާއި އޭނާ ހަވާލުވެފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޗެލްސީގެ ކޯޗު ކަމުން އޭނާ ވަކިކުރުމާއި ގުޅިގެންނެވެ.