މިދިޔަ މަހު ގެއްލިގެން ރިޕޯޓުކުރި މުދަލުގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހޯދިފައިވަނީ ސައިކަލްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 3،303،429 މިލިޔަން ރުފިޔާގެ 69 ސައިކަލު ފުލުހުންވަނީ ހޯދާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ގެއްލިފައިވާ 193 ތަކެތި ފުލުހުން ހޯދާފައިވެއެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. މިދިޔަ މަހު ފުލުހުން އެންމެ ގިނައިން ހޯދީ ސައިކަލެވެ. އެގޮތުން 3،303،429 މިލިޔަން ރުފިޔާގެ 69 ސައިކަލު ފުލުހުން ހޯދިއެވެ.
• 29 މޯބައިލް ފޯނު: 202،375 ރުފިޔާ
• 69 ސައިކަލު: 3،303،429 ރުފިޔާ
• ފައިސާގެ 26 މައްސަލަ: 406،098 ރުފިޔާ
• 8 އިލެކްޓްރޯނިކްސް: 80،400 ރުފިޔާ
• 61 އެހެނިހެން ތަކެތި: 110،263 ރުފިޔާ
މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ޙިއްސާކުރެއްވިއެވެ. އެ ގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 45،380 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1037 ގަޑިއިރާއި 48 މިނެޓު ވަންދެން މާލެ ތެރެ ފުޓް ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 5015 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4،833 މީހުންނާއި ރިކޯޑު ނެތް 182 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 13 ބިދޭސީއަކު އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެ ގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް އޮޕަރޭޝަންތައް ކުރިއަށްގެންދިއުން ފާހަގަކޮށްލެވެއެވެ.