މިހާރު ލާމަރުކަޒީ ނިޒާމު އޮތް ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި ކައުންސިލްތަކަށް ރައްޔިތުން ތަމްސީލު ނުކޮށްދެވޭކަމަށް ލާމާރުކަޒީ ނިޒާމާ ގުޅޭގޮތުން ހަދަމުންދާ ދިރާސާއަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނީ އޮނިގަނޑާ ގުޅޭގޮތުން ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރާއި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދާއި ބޭރުގެ ބައެއް ޔުނިވަރސިޓީތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. މި ދިރާސާގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް، ހޯދުންތައް ހޯދާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ދިރާސާގެ ހޯދުންތަކުގެ މަޢުލޫމާތު ދެއްވަމުން ޢާޒިމާ ޝަކޫރު ވިދާޅުވީ ދިރާސާއިން ފާހަގަވި ގޮތުގައި ހުރިހާ ރައްޔިތުންވެސް ޝާމިލުވާގޮތަށް ލާމަރުކަޒީ ނިޒާމު ބައްޓަންވާންޖެހޭ ކަމަށެވެ. މިހާރު އޮތް ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން ޝާމިލުނުކުރެވޭކަން ޢާޒިމާ ފާހަގަކުރެއްވިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ކައުންސިލަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ލިބެންޖެހޭކަމަށް ޢާޒިމާ ވިދާޅުވިއެވެ.
"އެންމެ ބޮޑު މައްސަލައަކަށްވަނީ ސިޔާސީ ޕާޓީތަކުގެ އޮނިގަނޑުގެ ތެރެއިން ވޯޓު ނަގައިގެން ކައުންސިލަރުކަމަށް ހޮވުނީމަ، ހުރިހާ ބާވަތެއްގެ ރައްޔިތުންނަށް ޚިދުމަތްދެވޭ ކަމަކަށް ނުބެލެވޭ." ޢާޒިމާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރަމުންދާ ޤަރާރާ ގުޅިގެން އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ކޮމިޓީއާ ބައްދަލުކުރުމަށް އެދިވަޑައިގަންފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އެބޭފުޅާއާ ބައްދަލުކުރުން pic.twitter.com/uPd4d0NfRz
— People's Majlis (@mvpeoplesmajlis) July 8, 2025
ޢާޒިމާ ވިދާޅުވީ ދުސްތޫރީ ހިންގުމުގެ ނިޒާމަށް ބަލާއިރު، ކައުންސިލްތަކާއި ދައުލަތުން ޙާސިލުކުރަން ބޭނުންވާ އެއް ލަނޑުދަނޑިތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ދިގު ރާސްތާގެ ތަރައްޤީގެ ޕްލޭނެއް އޮތުން މުހިންމުކަމަށްވެސް ޢާޒިމާ ވިދާޅުވިއެވެ.
"ކޮންމެ 5 އަހަރަކުން ތަރައްޤީގެ މިސްރާބު ބަދަލުވާތަން މި ފެންނަނީ. އޭގެ ބަދަލުގައި އެއް އަމާޒަކަށް ވާޞިލުވުމަށް ބަދަލުނުވާ ޕްލޭންތަކެއް ހެދިފައި އޮންނަންޖެހޭ." ޢާޒިމާ ވިދާޅުވިއެވެ.
ޢާޒިމާ ވިދާޅުވިީ މިހާރު ލާމަރުކަޒީ ނިޒާމު އޮތް ގޮތުން ކައުންސިލްތަކުން ކުރާ މާލީ މުޢާމަލާތްތައް އެކަށީގެންވާ ގޮތެއްގައި އޮޑިޓު ނުކުރެވި، ނުބެލެހެއްޓޭ ކަމަށެވެ. އެގޮތުން ހުރިހާ ކައުންސިލެއްގެ މާލީ މުޢާމަލާތްތައް އޮޑިޓު ނުކުރެވުމުގެ އިތުރުން ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު ޤާނޫނުން ދީފައިވާއިރު، ކުންފުނީގެ މާލީ ހިސާބުތައްވެސް މިހާރު މޮނިޓަރނުކުރެވޭކަމަށް ޢާޒިމާ ވިދާޅުވިއެވެ. އެހެންކަމުން މާލީ މުޢާމަލާތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް ޢާޒިމާ ވިދާޅުވިއެވެ.
ލާމަރުކަޒީ ކޮމިޓީއަށް ޢާޒިމާ ހިއްސާކުރައްވާފައިވަނީ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ދިރާސާއިން ފާހަގަވި ކަންބޮޑުވުންތަކެވެ. މި ދިރާސާގައި 2008 ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނުއަސާސީގެ 16 އަހަރުގެ ރިވިއުއެއް ހަދާފައިވެއެވެ. މި ދިރާސާގައި 16 ބާބު ހިމެނޭއިރު، ވަރަށް އަވަހަށް ދިރާސާ ޝާއިޢުކުރައްވާނެކަމަށް ޢާޒިމާ ޝަކޫރު ވިދާޅުވެއެވެ.