ޚަބަރު

ޑިފެންސް މިނިސްޓަރ ސަދަން އޭރިޔާއަށް ޒިޔާރަތްކުރައްވައިފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރު، ރަސްމީ ދަތުރުފުޅެއްގައި އެމް.އެން.ޑީ.އެފް ސަދަން އޭރިއާއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޑިފެންސް މިނިސްޓަރގެ މިދަތުރުފުޅުގައި ސަދަން އޭރިއާ ހެޑްކުއާޓާޒްގައިި މަސައްކަތްކުރާ ހުރިހާ ސިފައިންނާއި މިނިސްޓަރ ބައްދަލުކުރެއްވިކަމަށެވެ. އަދި މިބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އޭގެ އިތުރުން، ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު، ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން މަތިކުރެވިފައިވާ ކަމަށާއި، ސިފައިންގެ އަޚުލާޤް ބައްޓަންކުރަން ޖެހޭނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރ ހަނދުމަފުޅު ކޮށްދެއްވިއެވެ. އަދި ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ޑިފެންސް މިނިސްޓަރ ނަސޭޙަތްތެރިވެ ވަޑައިގެންނެވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އާއި، އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އެ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ނަޞްރުﷲ އިބްރާހީމް މަޖުދީ ބައިވެރިވެވަޑައިގެންނެވިއެވެ.