ތަރައްްޤީ

މަޝްރޫޢުތައް ހިންގަވަނީ ބޮޑެތި ދިރާސާތަކަށް ފަހު- މިނިސްޓަރ


ރައްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ހިންގަވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީގެ ބޮޑެތި، ގިނަ މަޝްރޫޢުތަކެއް ހިންގަވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރގެ ބެއްލެވުމުގެ ދަށުންނެވެ. މިފަދަ ގިނަ މަޝްރޫޢުތަކެއް މާލޭ ސަރަޙައްދާއި ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދެއްގައި ގެންދަވަނީ ހިންގަވަމުންނެވެ. މިފަދަ މަޝްރޫޢުތަކަށް ފާޑުކިޔުމާއި ޞައްޙަ މަޢުލޫމާތާއި ޞައްޙަ ނޫން މަޢުލޫމާތުތައް ފެތުރުމަކީ ޢާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. މަޝްރޫޢުތަކާބެހޭ ދޮގުވާހަކަތައް ފެތުރުމަކީ އަދި ސަރުކާރާމެދު ރައްޔިތުންގެ ކިބައިގައި އޮންނަ އިތުބާރު ބަލިކަށިކުރުމަށް މަސައްކަތް ކުރުމަކީ ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާ ކަމެކެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ކުރިއަށްގެންދަވާ އެކި އެކި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާގޮތުގެ ވިސްނުމާއި، އަދި އެކަންކަން ރާވާ ތަންފީޒުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން، ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދަނީ އެކަމަކާގުޅޭ ފަންނީ މަޢުލޫމާތު އެއްކުރުމެއް ނެތި، ވަކި ކަހަލަ މަޤުޞަދެއް ޙަސިލުކުރުމުގެ ބޭނުމުގައެވެ. އަދި މިފަދަ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަންވާނީ އެކަމަކާ ގުޅޭ ފަންނީ މާހިރުންގެ ލަފަޔާއި، އެފަދަ ފަރާތްތަކުން ކޮށްފައިވާ ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ލިބޭ މަޢުލޫމާތުތަކުން، ކަމުގެ ހަޤީޤަތް އާއްމުންނަށް ނޯޅޭނޭހެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭ ހުޅަނގު ފަރާތުގައި ސަރުކާރުން ދާދިފަހުން ތަރައްޤީކުރެއްވި "ރަސްފަންނު" ބީޗާ ގުޅޭގޮތުން މިފަދަ ގޮތްގޮތަށް ދެކެވެމުންދާ ބައެއް ވާހަކަތަކަށް ރައްދުދެއްވައި، މިނިސްޓަރ ވިދާޅުވީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް، ޢާއްމުން ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް، ތަރައްޤީކުރެއްވި ރަސްފަންނަކީ އިޖްތިމާޢީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ހިންގެވި ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. 

މިނިސްޓަރ ވަނީ ރަސްފަންނު ޑިޒައިންކޮށްފައިވަނީ ވަރަށް ފެންވަރުދަށްކޮށް ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ.  

img:http://s2.psmnews.mv/images/660x400/14599484601719.jpg|ރަސްފަންނު / ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރަސްފަންނު ތަރައްޤީކުރެއްވުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް، ޑިޒައިނިންގ ސްޓޭޖުގައިވެސް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް އެތަން ތަރައްޤީކުރައްވާފައި ވަނީ ކަމާބެހޭ ފަންނީ ބޭފުޅުންގެ ދިރާސާތަކަށް ބެއްލެވުމަށްފަހު، މާލޭގެ މާޙައުލާ އެންމެ ގުޅޭނެހެން ކަމަށެވެ. އެގޮތުން އެ ސަރަޙައްދަކީ ޢާއްމުގޮތެއްގައި އުދަ އަރާ ސަރަޙައްދަކަށްވެފައި، އެތަން ޑިޒައިންކޮށްފައިވަނީ ފެން ހިންދާނެ ރަނގަޅު ނިޒާމެއް ނެތިކަމަށް ބުނެ ދެކެވޭ ވާހަކަތައް މިނިސްޓަރ ދޮގުކުރެއްވިއެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރަސްފަންނު ޑިޒައިން ކޮށްފައިވަނީ އުދައިގެ އަސަރު ވީހާވެސް ކުޑަވާނޭހެން، އެތަނުގައި ކުރިން އޮތް ބޭރު މަގަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށްފަހުކަމަށެވެ. އަދި ޢާއްމުންނަށް ފެންނަން ނެތަސް، އެތަނުގައި ސްޓޯމް ވޯޓަރ ޑްރެނޭޖް ސިސްޓަމެއް ޤާއިމުކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެތަނުގައި ފާރެއް ރާނާފައިވުމުން، ފެންހިންދުމަށް ދަތިތަކެއް ކުރިމަތިނުވާނެކަމަށާއި، އެ ފާރުގެ ސަބަބުން ލޮނުގަނޑު ރަށުތެރެއަށް އަރައިގެންދިއުން ހުއްޓުވައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ރަސްފަންނާއި ދިމާލުން ބޭރުން ހަދާފައިވާ މަގަކީ މުޅިން އަލަށް ހަދާފައިވާ މަގެއް. އެތަނަށް ފަސް އަޅާ، ކުރީގައި އޮތް ލެވެލަށްވުރެ އުސްކޮށް ހަދާފައި، އޮތް ސަބަބަކީ ވެސް ރާޅު އެރުން ކުޑަކުރުން. ބޭރުން ރާޅު އަންނަ އިރުގައި، ކުރީގައި ސީދާ އެއްގަމު މަގަށް ރާޅު ޖަހާނީ. މިހާރު ޑިޒައިން ހެދިފައިވާގޮތުން ބޭރު ތޮއްޓެއް އެބައިދޭ، ތޮށީގައި ޖެހިފައި ދެން ފުރަތަމަ އަންނަނީ މޫދަށް. މޫދުން ދެން އެއަންނަ ޕްރެޝައެއްގައި ބީޗަށް. ބީޗުންގޮސް ދެން ފާރާއި ހަމައަށް މި އަންނަނީ. މިގޮތަށް ފާރެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ފެންގަނޑު ބޮޑުވެގެންއަންނަ ހާލަތްތަކުގައިވެސް، އެއްގަމު މަގަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުން" ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ރަސްފަންނާ ގުޅުވައިގެން ހައްދަވާފައިވާ މަގުތަކާއި، ޕޭވްމަންޓްތައް ހަނިކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މާލޭގެ ބިމުގެ ޖާގައަށް ބަލާނަމަ، އެންމެ ބޭނުންވާ ފުޅާމިނުގައި މާލޭގެ މަގުތަކާއި، ޕޭވްމަންޓެއް ނުހެދޭނެ ކަމަށެވެ. އަދި ބީޗުގައި ރުއް އިންދުމުގެ ބަދަލުގައި، މަގުގައި ރުއް އިންދާފައިވަނީ އެތަނަކީ ވެލި ބޭނުންކޮށްގެން ހަދާފައިވާ އާރޓިފިޝަލް ބީޗަކަށްވެފައި އެތަނުގެ އަޑީގައި ރިވެޓްމަންޓެއް ޖަހާފައިވާތީ، އެތަނުގައި ޢާއްމު ފަސްގަނޑުގައި ރުއްގަސް ހެދޭހެން ހެއްދުމަކީ ފަސޭހަކަމަކަށް ނުވާނެތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/8485.jpg|ރަސްފަންނު ތަރައްޤީކުރިއިރު މަތިން ނަގާފައިވާ ފޮޓޯއެއް / ފައިލް ފޮޓޯ: ޕީއެސްއެމް ފައިލް

"މިއީ ވެލި ބޭނުންކޮށްގެން ހަދާފައިވާ އާޓިފިޝަލް ބީޗެއް. އެތަނުގެ އަޑީގައި ރިވެޓްމަންޓެއް ޖަހާފައި ހުރޭ. އެއީ ރޮކް ބޮލްޓަރ އިން ހަދާފައި ހުންނަ ރިވެޓްމެންޓެއް. އެހެންކަމުން އެފަދަ ވެލިގަނޑެއްގައި ރުކެއް އިންދައިގެން ހަރުލާނެ ގޮތެއް ނުވާނެ" މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ރަސްފަންނުގައި ހައްދަވާފައިވާ ޖޮގިން ޓްރެކާ ގުޅޭގޮތުން، ޢާއްމުންގެ މެދުގައި އެކަމުގެ ހަޤީޤަތް އޮޅޭފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަވަމުންދާތީ، މިނިސްޓަރ ވަނީ އެކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ޖޮގިންގ ޓްރެކަކީ ކުރިން ޕްލޭން ކުރެވިގެން ހަދާފައިވާ ތަނެއް ނޫންކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ޖޮގިންގ ޓްރެކަކީ ފައިނަލް ޑިޒައިންގައިވެސް ހިމަނާފައިވާ މަސައްކަތެއް ކަމަށާއި، ރަސްފަންނު ހުޅުވުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމޭގޮތް ނުވީ، އޭރު އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާތީކަމަށެވެ. އަދި އެ ޓްރެކަކީ އެމަގުން ދަތުރުކުރާ ވެހިކަލްތަކަށާއި، ހިނގާބިގާވާ މީހުންނަށް އުނދަގޫ ނުވާނޭހެން، ލިބެން އޮތް އެންމެ ފުޅާ މިނަކަށް، ތައްޔާރުކޮށްފައިވާ ޖޮގިންގ ޓްރެކެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ، ޖޮގިންގ ޓްރެކް ޑިޒައިންކޮށްފައި ވަނީ އެކަމުގެ ފަންނީ ބޭފުޅުންގެ ލަފައާއި އިރުޝާދުގެ މަތިން، ދިގު މުއްދަތަކަށް ބޭނުންކުރެވޭނޭހެން، ދުވާ މީހުންނަށްވެސް ފަސޭހަވާނެގޮތަށް ވިސްނަވައިގެންކަމަށެވެ. އެގޮތުން ކޮންމެ ހަތަރު މީޓަރަކުން ޖޮއިންޓް ލައްވާފައިވާނެކަމަށާއި، އެތަނުގެ ސާފޭސް އެއްވަރުކުރުމުގެ ގޮތުން ތަޅުން އަޅާ، އޭގެމަތިން ދުވާ މީހުންނަށް ފަސޭހަވާނެހެން ވޯޓަރ ޕްރޫފް މެޓެއް އަޅާފައިވާކަން ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހިންގަވާ މިފަދަ މަޝްރޫޢުތަކަކީ ވަރަށް ބޮޑަށް ދިރާސާކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ބޮޑެތި ޚަރަދުކުރައްވައިގެން ހިންގަވާ މިފަދަ މަޝްރޫޢުތަކާ ގުޅޭގޮތުން ޢާއްމުންގެ މެދުގައި އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ވާހަކަދެއްކެވުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، ބިނާކުރަނިވި ފާޑުކިއުންތަކަށް ސަރުކާރުން އަބަދުވެސް މަރުޙަބާ ވިދާޅުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.