ސްޕެއިންގެ އައު ފުޓްބޯޅަ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅޭ މެޗު ފަސްކޮށްދޭން އެ ކުލަބުން ސްޕެނިޝް ލީގުގައި އެދެފިއެވެ.
މި ގޮތަށް އެދުނީ މިހާރު އެމެރިކާގައި ކުރިއަށް ދާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ކުޅޭތީ އެވެ. އެ ކުލަބު ފައިނަލަށް ގޮސްފިނަމަ މުބާރާތް ނިމޭނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ސްޕޭނުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް ކުޅެން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށެވެ. ނަމަވެސް ރެއާލްއިން މެޑްރިޑުން ވިސްނަނީ އެ ތާރީހުގައި މެޗުތައް ފަށައިފިނަމަ އެ ކުލަބުގެ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވާނެ ކަމަށެވެ.
ރެއާލްއިން ނިންމާފައިވަނީ ކުލަބު ވޯލްޑް ކަޕް ނިމުމަށް ފަހު ކުޅުންތެރިންނަށް އަރާމު ކުރަން ތިން ހަފުތާ ދިނުމަށެވެ. އަދި އާ ސީޒަނުގެ ފުރަތަމަ މެޗުގެ ކުރިން ތިން ހަފުތާގެ ޕްރީ ސީޒަނަށް ފުރިހަމަ ކުރުމަށެވެ. ރެއާލްއިން މި ގޮތަށް އެދުނު ނަމަވެސް ސްޕެނިޝް ލީގުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެ ލީގުގެ ރައީސް ހާވިއާ ޓެބާސް ވަނީ 32 ޓީމު ބައިވެރިކޮށްގެން އޮފް ސީޒަނުގައި ކުޅެމުންދާ ކުލަބު ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނެފައިވަނީ މި ފަދަ ގޮތަކަށް އިތުރު ކުލަބު ވޯލްޑްކަޕެއް ބޭއްވުނަ ނުދޭން މަސައްކަތް ކުރާނެ ކަމަށާއި މި މުބާރާތުގެ ސަބަބުން ކޮންމެ ގައުމެއްގެ ލީގަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ. އަދި ތާރީހުތައް ވަކި ގޮތަކަށް މާ ކުރިން ހަމަޖައްސާފައި އޮންނައިރު އެކަންކަން ބަދަލު ކުރުމަކީ ފޫ ނުބެދޭ ގެއްލުންތަކެއް ވަމުންދާ ކަމެއް ކަމަށެވެ.