މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އެރީނާ ސަބަލެންކާ އާއި ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ލައުރާ ސިއޭޖްމުންޑާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
ޖުމްލަ ތިން ގަޑިއިރު ހޭދަވެގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ލައުރާ ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ދެ ސެޓު ހައެއް ދޭއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ސަބަލެންކާ ވަނީ ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލްގައި ސަބަލެންކާއާ ދެކޮޅަށް ނިކުންނާނީ އަމަންޑާ އަނިސިމޯވާ އެވެ. އޭނާ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ އަނަސްޓޭޝިއާ ޕެވްލިއުޗެންކޯވާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ފިރިހެން އިވެންޓުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް ވަނީ ކެމަރޮން ނޮރީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒްއާ ދެކޮޅަށް މި މުބާރާތުގެ ސެމީ ފައިނަލްގައި ނިކުންނާނީ ޓޭލަރ ފްރިޓްޒްއެވެ. މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ފްރިޓްޒް ވާދަކުރާ ފުރަތަމަ ފަހަރެވެ.