ޚަބަރު

ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ސުކޫކް އަގު މަތިވެއްޖެ


  • ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ

  • މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފައި

ރާއްޖޭގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެއެވެ.

ރާއްޖޭގެ އިޤްތިސާދަށް ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފައިކަމަށް މާލީ ކަންތައްތައްކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.

މި ސަރުކާރުން އެ ކޫޕަން ޕޭމަންޓުތައް ކަނޑައެޅިފައިވާ ތާރީހަށް ދައްކަމުން އަންނައިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓެއް ދައްކާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. މި އަހަރުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހުއެވެ.

ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅުތަކެއް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އިޤްތިޞާދު ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިއީ މިކަމުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.