ކުޅިވަރު

އެމްބާޕޭއާ ގުޅޭ ސުވާލުތަކަކީ މާޒީ، އަހަރެން ވާހަކަ ދައްކާނީ ކުރިމަގަށް: އެންރީކޭ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފިއެވެ.

ނޫސްވެރިން އެމްބާޕޭއާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކުރީ ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ވާދަކުރަން ޖެހުމުންނެވެ.

އެމްބާޕޭ އަކީ އެންރީކޭގެ ކޯޗުކަމުގައި ޕީއެސްޖީ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ހުސްވި ސީޒަން ފެށުމުގެ ކުރިން ރެއާލް އަށް ބަދަލުވީ ޕީއެސްޖީގެ ނުރުހުމުގައި ހިލޭ ޓްރާންސްފާ އެއްގަ އެވެ. މިރޭ ކުޅޭ މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ނޫސްވެރިން ކުރި ސުވާލަކީ އެމްބާޕޭ ހުރި އިރަށް ވުރެ ޕީއެސްޖީ މޮޅީ މިހާރު ތޯ އެވެ؟ މި ސުވާލު ކުރި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެމްބާޕޭ ކުޅެގެން ނުލިބުުނު ޗެމްޕިއަންސް ލީގުގެ ތަށި އޭނާ ކުޅުނު ފުރަތަމަ ސީޒަނުގައި ޕީއެސްޖީ އުފުލާލާފައިވާތީ އެވެ.

"އެމްބާޕޭއާ ގުޅޭ ސުވާލު ތަކަކީ މިހާރު މާޒީ. އަހަރެން އެ ކަމާ ނުވިސްނަން. އަހަރެން އަބަދުވެސް ވިސްނަނީ ކުރި މަގަށް،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ކަމަށެވެ. މިހެންވެ އެ ޓީމާ ދެކޮޅަށް ކުޅެން ނުކުތުމަކީ އަބަދުވެސް އިތުރު ހިތްވަރެއް ލިބޭ ކަމެއް ކަމަށެވެ.

"މި ފަދަ މެޗުތައް އަހަރުމެން ވަރަށް ގިނައިން މި ފަހުން ކުޅެން ޖެހިފައި މިވަނީ. އޭގެ މާނަ އަކީ އަހަރުމެން މި ދަނީ އަހަރުމެންގެ ވަޒީފާ އަދާ ކުރަމުންނޭ. އެ މީހުންނާ ދެކޮޅަށް ކުޅެން ލިބުމަކީ އިތުރު ހިތްވަރެއް ލިބޭނެ ކަމެއް. އަހަރުމެން ވިސްނަނީ މެޗަށް އެކަނި،" އެންރީކޭ ބުންޏެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ފަހުން ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބުގެ ކެޕްޓަން ކަމާއި ފަހުން ކޯޗުކަން ވެސް ގިނަ ކާމިޔާބީތަކެއް އެންރީކޭ ވަނީ ހޯދައިފަ އެވެ. އޭނާ ބުނީ އެމެރިކާގެ ހޫނުމިން މިހާރު ހުރީ ހަވީރު ވަގުތު 35 ޑިގްރީގައި ކަމަށާއި މިއީ އާއްމު ސިއްހަތަށް ނުރައްކާ މިންވަރެއް ނަމަވެސް މިހާރު އެކަމާ ޝަކުވާ ކުރެވެން ނެތް ކަމަށެވެ.

"މި މުބާރާތުގައި އާއްމުކޮށް މި ކުރާ ކަމީ މި ހޫނުގައި މެޗު ކުޅުން. އެހެންވީމާ އެ ކަމާ ޝަކުވާ ކުރެވެ ކަށް ނެތް. އަހަރުމެން ޖެހެނީ މި ހަގީގަތާ ކުރިމަތިލައި ކާމިޔާބު ހޯދަން،" އެންރީކޭ ބުންޏެވެ.
ރެއާލް މެޑްރިޑަކީ ކުލަބު ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. ޕީއެސްޖީ އަށް އަދި މިހާތަނަށް މި ތަށި ލިބިފައި ނުވެ އެވެ.