ޚަބަރު

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޓޯޗަރއާ ގުޅުންހުރި 41 މައްސަލަ ޕީޖީއަށް ފޮނުވާފައިވޭ


  • މި މުއްދަތުގައި ޕީޖީން ދަޢުވާ އުފުލާފައިވަނީ 3 މައްސަލައިގައި

  • އެންޓި ޓޯޗަރ ޤާނޫނު ވުޖޫދުވިފަހުން އަދި އެއްވެސް އިސްލާހެއް ގެނެސްފައިނުވޭ

އެންޓި ޓޯޗަރ ޤާނޫނަށް 2014 ވަނަ އަހަރު ޢަމަލުކުރަން ފެށި ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ 41 މައްސަލަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް 2023 އަދި 2024 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.

އެންޓި ޓޯޗަރ ރިޕޯޓާ ގުޅޭގޮތުން ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން އެޗްއާރުސީއެމްގެ ނައިބު ރައީސް މުއުމިނާ ވަޙީދު ވިދާޅުވީ ޓޯޗަރގެ މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، ދަޢުވާކުރަން ހުށައެޅުމުން ގިނަ މައްސަލަތައް ބޭރުކޮށްލާ ކަމަށެވެ. އެ ގޮތުން އެންޓި ޓޯޗަރ ޤާނޫނަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް 41 މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ދަޢުވާކޮށްފައިވަނީ އެންމެ 3 މައްސަލައަށްކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެދި މިހާރުގެ ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވީ މީގެ ކުރިން ޕީޖީއާއެކު ބޭއްވި ބައްދަލުވުންތަކުގައި އެފަދަ މައްސަލަތަކުގައި ދަޢުވާ ނުކުރެވޭ ސަބަބެއްގެ ގޮތުގައި ދެވޭ އަދަބު، ޤާނޫނުލްޢުޤޫބާތާއި އެންޓި ޓޯޗަރގެ ޤާނޫނުގައި ތަފާތުވުން ޕީޖީ ފާހަގަކުރެއްވި ކަމަށެވެ. އަދި ގިނަ ފަހަރަށް އިދާރީ ގޮތުން ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަށްފަހު ދަޢުވާ ނުކުރާ ގޮތަށް ޕީޖީން ނިންމަނީކަމަށް މުއުމިނާ ވިދާޅުވިއެވެ.

"އެންޓި ޓޯޗަރގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ފުރަތަމަ ކަމަކީ ޤާނޫނު އިސްލާހުކުރުން. މިހާރު އަޅުގަނޑުމެން މިދަނީ ޤާނޫނަށް ގެނެވޭނެ އިސްލާހުތަކާ ގުޅޭގޮތުން ބަންޑާރަނައިބާއެކު މަޝްވަރާކުރަމުން." މުއުމިނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށައަޅާފައިވާ މައްސަލަތަކާއި ބެލި މައްސަލަތަކުގެ ތަފްސީލެވެ. އެ ގޮތުން އެ މުއްދަތުގެ ތެރޭގައި އެޗްއާރުސީއެމުން ވަނީ ޖުމުލަ 126 މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ. އަދި އެ މުއްދަތުގައި 185 މައްސަލައެއް ތަޙުޤީޤުކުރިއިރު، ތަޙުޤީޤުކޮށް ނިމިފައިވަނީ 122 މައްސަލައެވެ.

އެންޓި ޓޯޗަރގެ ޤާނޫނުގެ މަޤުޞަދަކީ ރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މި ޤާނޫނު ވުޖޫދުވި ފަހުން އެއްވެސް އިސްލާހެއް އަދި ގެނެސްފައެއްނުވެއެވެ.