ޚަބަރު

ވީއައިއޭއަށް ޖެއްސި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5.8 އިތުރުވެއްޖެ


  • މިދިޔަ އަހަރަށްވުރެ އިތުރު

  • އެންމެ ގިނައީ ޝެޑިއުލްކޮށް ދަތުރުކުރި ފްލައިޓްތައް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު %5.8 އިތުރުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މި ސަރަހައްދުންވެސް ފާހަގަކޮށްލެވޭ ބާރުބޮޑު އެއަރޕޯޓެކެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައްދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވީއައިއޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވީއައިއޭއަށް ޖައްސާފައިވަނީ 7193 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 7613 އަށް އިތުރުވެފައެވެ.

މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކުގެ އަދަދެވެ. ޝެޑިއުލްކޮށްގެން މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފްލައިޓްގެ އަދަދު ވަނީ %6.7 އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޝެޑިއުލްކޮށްގެން ރާއްޖެ އައިސްފައިވަނީ 6523 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 6961 އަށް އިތުރުވެފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސް ވަނީ ދަށްވެފައެވެ. މީގެތެރޭގައި ހިމެނެނީ ޗާޓަރކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 670 ފްލައިޓެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 652 ފްލައިޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ގިނަ އަދަދެއްގެ ފްލައިޓްތަކުން ދަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި ޑިމާންޑް އިތުރުވާތީ ފްލައިޓްގެ އަދަދުވެސް އިތުރުކުރެއެވެ. މިއަހަރުގެ ތެރޭގައިވެސް ގިނަ އައު އެއަރލައިންތަކަކުން ވަނީ ދަތުރުތައް ފަށާފައެވެ.

ސަރުކާރުން ދަނީ ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ރާއްޖެއަށް އިތުރު ގިނަ އެއަރލައިންތަކަކުން ދަތުރުފަށައި ދަތުރުތައް އިތުރުކުރާނެއެވެ. މި އައު ޓާމިނަލަކީ އަހަރު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ޓާމިނަލެކެވެ. މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުވެރިކަމަށްވެސް އިތުރު ކުރިއެރުން ލިބޭނެއެވެ.