ޚަބަރު

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމާއި ގުޅޭގޮތުން ސަޢޫދީއާއެކު މަޝްވަރާކޮށްފި


  • ރާއްޖޭގެ ނޫ އިޤްތިޞާދު ތަރައްޤީކުރުމަށް މަޝްވަރާކުރެއްވި

  • މަސްވެރިކަން ކުރިއެރުވުމަށް ސަޢޫދީން ދެއްވާ އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ހަރުދަނާކުރުމާއި ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ ވަނީ، މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ނޫ އިޤްތިޞާދު އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ސަޢޫދީން ރާއްޖެއަށް ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދިޔަކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ މިފަދަ ކަންކަމުގައި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމެންޓް މެދުވެރިކޮށް އެ ޤައުމުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ސަޢޫދީ ސަފީރު ވަނީ ދެއްވާފައެވެ. މީގެ ތެރޭގައި، މ. މުލަކު އަދި ކޫއްޑޫގައި ހުންނަ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީގެ އިތުރުން ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާފަދަ ކަންކަން ހިމެނެއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަޢޫދީ ސަފީރާއެކު ބޭއްވި މި ބައްދަލުކުރެއްވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއްކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި ސަޢޫދީއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިންނަށް މިހާރު ދަނީ ޤަވާއިދުން 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިންނަށް ވަނީ މަސްވެރިކަމަށް ނިކުތުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައެވެ.