ޚަބަރު

ޣައްޒާއިން ތެޔޮ ހުސްވެ ޞިއްޙީ ޚިދުމަތްތައް ހުއްޓުމުގެ ބިރު


ފަލަސްޠީނުގެ ޣައްޒާއިން ތެޔޮ ހުސްވެ، ހަސްފަތާލުތައް ބަންދުކޮށް، ޞިއްޙީ ޚިދުމަތްތައް ހުއްޓައިލަން މަޖުބޫރުވުމުގެ ބިރު ބޮޑުވެއްޖެއެވެ. މި ކަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ، ޣައްޒާގައި މި ވަގުތު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މަދު ހަސްފަތާލުތަކުގެ ތެރެއިން އެއް މައި މަރުކަޒު ކަމުގައިވާ އަލް-ޝިފާ ހަސްފަތާލަށެވެ. އެ ތަނުގައި ޚިދުމަތް ކުރާ ޑޮކްޓަރުން ބުނީ، ތެޔޮ ހުސްވެއްޖެ ނަމަ، އެ ތަން ކަނުއަނދިރީގެ ތެރެއަށް ވެއްޓި، ބަލި މީހުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅޭނެ ކަމުގައެވެ.

ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ތެލުގެ އިތުރުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. މި ވަގުތު އެ ސަހަރަށް އެތެރެ ކުރަނީ މަދު އަދަދެއް ކާބޯތަކެއްޗާއި އެހީއެވެ. އަދި، ހަސްފަތާލުތަކުގެ ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ މަދު މިންވަރެއްގެ ތެލެވެ.

އަލް-ޝިފާ ހަސްފަތާލުގެ ޑޮކްޓަރުން ބުނީ، އެ ތަނުގައި ޚިދުމަތް ދެމުންދާ ބަލިމީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އެ މީހުންގެ ފުރާނައަށް ނުރައްކާވެފައި ވަނީ، "ޙަމަލާތަކާއި މިސައިލްތަކުގެ ސަބަބުންނެއް ނޫން، ނަމަވެސް ތެޔޮ އެތެރެ ކުރުން ހުއްޓައިލައި ފުރަބަންދު ހަރުކަށި ކުރުމުން" ކަމުގައި އަލް-ޝިފާ ހަސްފަތާލުގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ މުނީރް އަލް-ބަރްޝީ ވިދާޅުވިއެވެ.

ޔަހޫދީންގެ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުން، ޞިއްޙީ ފަރުވާ ފަދަ އެންމެ އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. "ނިކަމެތި ހާލަތަކަށް ހުށަހެޅިފައިވާ މީހުން ބޭސްފަރުވާ ފަދަ އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުވައި، ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނަކަށް ހަދައިލަމުން އެ ދަނީ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ބަލިކަށި ކޮށްލާފައެވެ. ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ރޭޑު ޖަހައި، އެ ތަންތަން ބަންދު ކުރުމަށް މަޖުބޫރު ކުރުވާފައެވެ. އެއީ، ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ގަސްދުގައި ދެމުންދާ ޙަމަލާތަކެއް ކަމުގައި އެ ސަހަރުގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން މި ވަގުތު މަދު އަދަދެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދަނީ ދެބައިކުޅަ އެއްބައި މަރުކަޒުތަކުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، ޢުދުވާންތައް ފެށި ފަހުން ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް އަމާޒުކޮށް ތަފާތު 600 ޙަމަލާއެއް ދީފައިވާ ކަމުގައެވެ. އެއީ، ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް ކަމުގައި ސާފުކޮށް ބުނުމަށް ޑަބްލިޔުއެޗްއޯން ވަނީ އިންކާރު ކޮށްފައެވެ. ޣައްޒާގެ ނިޒާމު ފުނޑުފުނޑުވެ، ހުއްޓައިލަން މަޖުބޫރުވުމުގެ ބިރު ގާތް ކަމުގައި ވެސް އެ ޖަމުޢިއްޔާއިން އިންޒާރު ކުރިއެވެ. އެންމެ ބޮޑު ސަބަބަކީ، އެ ތަންތަން ހިންގުމަށް، އަދި ޞިއްޙީ ފަރުވާގެ ނިޒާމަށް ބޭނުންވާ ތެލާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އެޅުމެވެ.

އަލް-ޝިފާ ހަސްފަތާލުގެ ޑޮކްޓަރެއް ކަމުގައިވާ މުޙައްމަދު އަބޫ ސިލްމިއްޔާ ވިދާޅުވީ އެ ހަސްފަތާލުން ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތައް މެދުކަނޑައިލުމަށް މަޖުބޫރުވެއްޖެ ނަމަ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، އެ ހަސްފަތާލުގެ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި، ބޯފެން ތައްޔާރު ކުރާ ނިޒާމާއި ފެނުގެ ނިޒާމު ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެ ހަސްފަތާލުން ފޯރުކޮށްދެމުން ދިޔަ މުހިންމު ޚިދުމަތްތަކެއް މިހާރު ވެސް ވަނީ މެދުކަނޑައިލާފައެވެ. އޭގެ ތެރޭގައި ކިޑްނީ ބަލީގެ މީހުންނަށް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ ޑިޕާޓްމަންޓް ހިމެނެއެވެ. އޭގެ ބަދަލުގައި އެ ހަސްފަތާލުގެ އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ) ހިންގުމަށް އިސްކަން ދީފައިވާ ކަމުގައި ސިލްމިއްޔާ ވިދާޅުވިއެވެ. މި ވަގުތު ޣައްޒާ ސިޓީގެ ހަސްފަތާލުތަކުގައި ދުވަސްނުފުރައި ވިހާފައި ތިބި ތުއްތު ކުދިންގެ އަދަދު 100އަށް އަރާ ކަމަށާއި، އެ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

"އޮކްސިޖަން [ފޯރުކޮށްދިނުމަށް ބޭނުން ކުރާ] ސްޓޭޝަންތައް ހުއްޓޭނެ. އޮކްސިޖަން ފޯރުކޮށް ނުދެވޭނެ ނަމަ މިއީ ހަސްފަތާލެކޭ ނުކިޔޭނެ. ލެބޯޓްރީއާއި ލޭ ރައްކާކުރާ ބޭންކު ބަންދު ކުރަން ޖެހޭނެ، އަދި ލޭ ރައްކާކުރަން ބޭނުން ކުރާ ރެފްރިޖެރޭޓަރުތައް ހުއްޓޭނެ، އަދި ލޭގެ ސްޓޮކުތައް ނެތިދާނެ،" ތެޔޮ ލިބުން ލަސްވެއްޖެ ނަމަ އެ ހަސްފަތާލަށް ކުރިމަތިވާނެ ނުރައްކާތެރި ހާލަތު ހިއްސާ ކުރައްވަމުން ސިލްމިއްޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޔަހޫދީންގެ އަމާޒަކީ އެ ހަސްފަތާލު ގަބުރުސްތާނަކަށް ބަދަލު ކޮށްލުން ކަމުގައެވެ.