ޚަބަރު

އެސްއޯއީތަކަށް އައްޔަން ކުރާ ޑިރެކްޓަރުންގެ ޤާބިލްކަން ކަށަވަރުކުރުމަށް އުސޫލަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފި


  • އުސޫލަށް ގެނެވުނު އިސްލާހުގައި ޤައުމީ ސަނަދުގެ ލެވެލް 7 ފާހެއް އޮތުން ވަނީ ހިމަނާފައި

  • ޤާބިލްކަން ބެލުމަށް ކުރިއަށް ގެންދާ އިންޓަވިއުންއިން 60 މަދުވެގެން ހޯދަން ޖެހޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަން ކުރެވޭ ސަރުކާރު ތަމްސީލް ކުރާ ޑިރެކްޓަރުންގެ ޤާބިލްކަން ކަށަވަރުކުރުމަށް އުސޫލަށް ހަރުދަނާ ބަދަލުތަކެއް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ގެންނަވައިފިއެވެ.

ޕީސީބީން ނެރެފައިވާ ސަރކިއުލަރއެއްގައި ވިދާޅުވީ، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތް ބެލެހެއްޓުމާއި ގުޅޭ ޤާނޫނުގެ ދަށުން، ކުންފުނިތަކަށް ސަރުކާރު ތަމްސީލް ކުރާ މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މި އުސޫލަށް ގެނައި އިސްލާހުގެ ބޭނުމަކީ ކުންފުނިތަކަށް އައްޔަން ކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ޤާބިލް ފަރާތްތައް ކަށަވަރުކުރުން ކަމަށް ޕީސީބީން ވިދާޅުވެއެވެ.

އުސޫލަށް ގެނައި މައިގަނޑު އިސްލާހަކީ މިމަޤާމުތަކަށް އައްޔަން ކުރެވޭ މީހުން ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު އުސޫލުގައިވާ އޮންނަ ގޮތުން، ބޯޑަށް އައްޔަން ކުރެވޭ މީހަކީ ކުންފުނިން ކުރާ ވިޔަފާރި ތަރައްޤީކުރުމަށާއި ކުންފުނިން ކުރާ ކަންތައްތައް ރާވައި ހިންގުމުގައި އެ ވަގުތަކަށާއި ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ކަންތައްތައް ރާވައި ބައްޓަން ކުރުމުގައި ހިއްސާ ކުރެވޭނެ މީހަކު ކަމުގައިވާން ޖެހެއެވެ. އަދި ޕީސީބީން ކުރިއަށް ގެންދާ އިންޓަވިއުންއިން އެމީހަކު 60 އިންސައްތަ މާކްސް ހޯދަން ޖެހެއެވެ.

އަލަށް ގެނައި އިސްލާހުގައި މި ދެބައި ވަނީ އެއްކޮއްލާފައެވެ. މިހާރު އޮތް ގޮތުން ޕީސީބީން އިންޓަވިއު ކުރިއަށް ގެންދަނީ އެމީހާއަކީ، ކުންފުނިން ކުރާ ވިޔަފާރި ތަރައްޤީކުރުމަށާއި ކުންފުނިން ކުރާ ކަންތައްތައް ރާވައި ހިންގުމުގައި އެ ވަގުތަކަށާއި ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ކަންތައްތައް ރާވައި ބައްޓަން ކުރުމުގައި ހިއްސާ ކުރެވޭނެ މީހަކުތޯ ބެލުމަށެވެ.

މީގެ އިތުރަށް އަލަށް ގެނައި އިސްލާހުގައި އެމީހަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ފާހެއް ލިބިފައިވާ މީހަކަށް ވުމާއެކު ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށްވާންޖެހެއެވެ. އެނޫންނަމަ ދެން ބަލާނީ އޭނާގެ ތަޖުރިބާއަކަށް ބަޔާން ކޮށްފައިވާއިރު، އެ މަޤާމަށް އައްޔަން ކުރެވޭ މީހަކީ ވިޔަފާރި ހިންގައި މެނޭޖް ކުރުމުގެ ދައިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، ސަރުކާރުން މުހިންމު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން މި ބައެއް ކުންފުނިތައް އުވާލައި އައު ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް ފައިދާވާ ކުންފުނިތަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅަމުންދެއެވެ.