ޚަބަރު

ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޔޫން އަލުން ހައްޔަރުކޮށްފި


ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ކުއްލި ޙާލަތު އިޢުލާނުކުރި މައްސަލައިގައި ރައީސްކަމުން ދުރުކޮށްފައިވާ، ޔޫން ސުކް ޔޯލް، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ޔޫން އަލުން ހައްޔަރުކޮށްފައިވަނީ، ހެކި ނައްތާލަފާނެކަމަށް ބުނެ، ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ޔޫންގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން އޭނާ ދުރު ކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމީ މިދިޔަ އޭޕްރީލް މަހުއެވެ.

ޤާނޫނު ހަދާ މަޖިލީހުން ޔޫންގެ މައްްޗަށް ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ތުހުމަތު އުފުލައި، މަޤާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ފާސް ކޮށްފައި ވަނީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހު ކުއްލިހާލަތު އިޢުލާނު ކުރެއްވި ހާދިސާއާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން، ގިނަ ދަޢުވާތަކެއް އުފުލާފައިވާ ޔޫން ވަނީ 52 ދުވަހު ޖަލު ބަންދުގައި ހޭދަކުރައްވައިފައެވެ. މީގެ ހަތަރު މަސް ކުރިން، ޔޫން ދޫކޮށްލާފައިވަނީ، އޭނާ ހައްޔަރުކުރުމުގައި އިޖުރާއީ މައްސަލަތަކެއް ކޯޓުން ފާހަގަކޮށްފައެވެ.

ރައީސްކަމުގެ މަޤާމު ޔޫންއަށް ގެއްލިފައިވާކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން، މިދިޔަ މަހު ބޭއްވި ކުއްލި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސްކަމަށް ވަޑައިގެންނެވި ލީ ޗޭއި-މައިޔޮންގް ވަނީ ޔޫންގެ މައްޗަށް އަވަސް ތަޙުޤީޤެއް ހިންގައި، ދަޢުވާ ކުރުމަށްޓަކައި ޤާނޫނީ އިސްލާޙުތައް ވެސް ގެންނަވައިފައެވެ.

ޔޫން ހައްޔަރުކުރަން މިއަދު ނެރުނު އަމުރުގެ ދަށުން، އޭނާ 20 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމުގެ ފުރުޞަތު ލިބިފައިވާއިރު، އޭނާގެ މައްޗަށް އިތުރު ދަޢުވާތައް އުފުލަން ޕްރޮސެކިޔުޓަރުން ދަނީ ތައްޔާރުވަމުންނެވެ.

ޔޫންގެ މައްޗަށް މިހާރު ވެސް އުފުލާފައިވާ ބަޣާވާތް ކުރިކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއާ ދެކޮޅަށް މަރުގެ ހުކުމް އިއްވުން ނުވަތަ އުމުރަށް ޖަލަށް ލުން އެކަށީގެންވެއެވެ. ނަމަވެސް ދެކުނު ކޮރެޔާގައި މަރުގެ ހުކުމް އިއްވާފައި އެއްވެސް މީހަކަށް މަރުގެ އަދަބު ތަންފީޒު ނުކުރާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ.