ޚަބަރު

ވިލާތުގެ ޤައުމުތަކުގައި އާދަޔާ ޚިލާފަށް ހޫނުގަދަވި 10 ދުވަހުގެ ތެރޭގައި 2،300 މީހުން މަރުވި


އައިބީރިއަން ޕެނިންސުލާގައި އުފެދިފައިވާ ހީޓް ޑޯމްއެއްގެ ސަބަބުން ވިލާތުގެ ޤައުމުތަކުގައި އާދަޔާ ޚިލާފަށް ހޫނުގަދަވި 10 ދުވަހުގެ ތެރޭގައި، 2،300 މީހުން މަރުވި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިއްޔެ ޝާއިޢުކުރި މި ދިރާސާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ޖޫން 23 އާއި ޖުލައި 2 އާ ދެމެދު، ވިލާތުގެ ހުޅަނގުގެ ބޮޑެތި ސަރަޙައްދުތަކަށް އިންތިހާއަށް ހޫނުގަދަވި މުއްދަތަށެވެ. މިގޮތުން، ސްޕެއިންގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރައި، ފްރާންސްގައި ހުސް ބިންތަކުގައި އަލިފާން ރޯވެފައިވާ ކަމަށް އެ ދިރާސާގައި ބުންޏެވެ.

އަދި އެއީ ބާސެލޯނާ، މެޑްރިޑް، ލަންޑަން އަދި މިލާން ހިމެނޭ ގޮތަށް ޖުމްލަ 30 މިލިއަނަށް ވުރެ ގިނަ އާބާދީއެއް އޮންނަ 12 ސިޓީއެއްގެ ޙާލަތު ބަލައި އެ ދިރާސާގައި ބުނީ، އެ ސިޓީތަކުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފިނިހޫނުމިން 4 ސެލްސިއަސް (39.2އެފް) އަށް އުފުލިފައިވާ ކަމަށެވެ.

ދިރާސާގައި ބަލާފައިވާ މުއްދަތުގެ ތެރޭގައި، މަރުވި ކަމަށް ލަފާކުރެވޭ 2،300 މީހުންގެ ތެރެއިން 1،500 މީހުން މަރުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށާއި އެކަމުގެ ސަބަބުން ހޫނުމިން އިތުރަށް ގޯސްވެފައިވާ ކަމަށް އިނގިރޭސިވިލާތާއި ނެދަލެންޑްސް، ޑެންމާކް އަދި ސްވިޒަލޭންޑްގެ ޔޫރަޕްގެ ފަސް މުއައްސަސާއެއްގެ 10 އަށް ވުރެ ގިނަ ދިރާސާވެރިން ކުރި ދިރާސާގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އަޅާބަލާއިރު ވިލާތުގެ ސަރަޙައްދުގެ ފިނިހޫނުމިން އިތުރުވާ މިންވަރު ދެގުނަ އިތުރެވެެ. އެއާއެކު ހޫނު މޫސުން ފެށޭ ދުވަސްވަރު ވެސް އާދަޔާ ޚިލާފަށް ހޫނުގަދަވެ އެކި ކަހަލަ ހާދިޘާތައް ހިންގުން ގިނަވެއެވެ. މެޑިޓެރޭނިއަން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ހޫނު މޫސުމުގައި އާންމުކޮށް ހުންނަ މިންވަރަށްވުރެ ހަ ޑިގްރީ ސެލްސިއަސް ހޫނުވެފައިވާއިރު އެ ކަނޑުގައި އޮންނަ ބަލީރިކް ސަރަޙައްދުގެ ލޮނުގަނޑުގެ ހޫނުމިން ވެސް ވަނީ 30 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.

ހޫނުގަދަވުމުގެ ސަބަބުން، ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި ކުޑަކުދިންނާއި ބޭރުގައި މަސައްކަތްކުރާ މީހުންނަށް ތަފާތު އެކި ނުރައްކާތައް ކުރިމަތިވެއެވެ.

ސިއްޙަތަށް ކުރާ އަސަރު ބޮޑުވެ، ތާރު އަޅާފައިވާ ތަންތަނާއި އުސް އިމާރާތްތަކާއި އާބާދީ ބޮޑު ސަރަޙައްދުތައް ވަށައިގެންވާ މާޙައުލަށް ވުރެ ހޫނުމިން އަދި މާބޮޑަށް ގަދަވެއެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި ފޮސިލް ފިއުލް އެންދުމުން ޖައްވުގެ ތެރެއަށް ގްރީން ހައުސް ގޭސް ބޭރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މުހިންމު ސަބަބެކެވެ. އޭގެ އިތުރުން ޖަންގަލިތަކުން ގަސް ކެނޑުމާއި ސިނާއީ ޙަރަކާތްތަކުގެ ސަބަބުން ވެސް ދުނިޔެ ހޫނުވުމަށް މެދުވެރިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ ދުނިޔެ އެންމެ ހޫނުވި އަހަރެވެ.