ޚަބަރު

ފަތުރުވެރިން ޝައުޤުވެރިކުރަން އަފްޣާނިސްތާނުން އާއްމުކޮށްލީ "ރަހީނެއް"ގެ ވީޑިޔޯ!


ޗުއްޓީއެއް ލިބޭ އިރަށް ދުނިޔޭގެ ކޮންމެވެސް އައު ޤައުމަކަށް ޒިޔާރަތްކޮށްލައި އެ ޤައުމެެއްގެ އަޖުމަ ބަލައިލުމަށް އަބަދު ވެސް ހިތް އެދެއެވެ. އެންމެ ރީތި، އެންމެ ތަފާތު މަންޒިލުތައް ތަޖުރިބާކޮށްލަން ވިސްނާލާއިރު އަފްޣާނިސްތާނަށް ޒިޔާރަތް ކޮށްލުމަށް ގިނަ ފަހަރަށް ހިތަކަށް ވެސް ނާރާނެއެވެ. އެތައް ޒަމާނެއް ވަންދެން އެ ޤައުމު މަޝްހޫރުވެފައި ވަނީ ހަނގުރާމައާއި ހަމަނުޖެހުމާއި ތަޅައިފޮޅުމުގެ ހާއްޔެއްގެ ގޮތުގައެވެ. އެހާމެ ނުރައްކާތެރި، ހަރުކަށި ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ޤައުމާމެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލައި، އެ ޤައުމަށް ޒިޔާރަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އަފްޣާނިސްތާނުން މިހާރު ވަނީ އައު ކެންޕޭނެއް ފަށައި މުޅިން ތަފާތު ވީޑިޔޯއެއް އިންޓަނެޓަށް ދޫކޮށްލައިފައެވެ. މި ވީޑީޔޯގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަމަށް ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ނިންމާނީ ހަމަ ބެލުންތެރިންނެވެ!

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ހިންގާ ފަތުރުވެރިކަމާބެހޭ ބޯޑުން ތައްޔާރުކުރީ ވަރަށް އާދަޔާ ޚިލާފު އަދި ތަފާތު އިޝްތިހާރެކެވެ. އޭގައި ދަައްކުވައިދެނީ ހަމަ ގައިމު ވެސް މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ މަންޒަރުތަކެކެވެ. އެ ވީޑިޔޯއިން ފެނިގެން ދަނީ އަފްޣާނިސްތާނުގެ ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއް، ހުޅަނގަށް ނިޞްބަތްވާ ‘ދޮން’ މީހުންތަކެއް ރަހީނުކޮށްފައިވާ މަންޒަރެވެ. ފަހަރުގައި ބަލާބެލުމަށް މިއީ އަސްލު މަންޒަރުތަކެއް ނޫން ކަމަށް ޤަބޫލުކުރަން ދަތިވެދާނެއެވެ. ފުރަތަމަ ވެސް ފެންނަނީ ހަތިޔާރު ހިފައިގެން ތިބި ޠާލިބާނުންގެ ގާޑުތަކެއް ތިން މީހެއްގެ ބޮލުގައި ކޮތަޅު އަޅުވައި، އެމެރިކާއަށް ދޭނެ މެސެޖެއް އޮތް ކަމަށް ބުނާ މަންޒަރެކެވެ. ނަމަވެސް ރަހީނެއްގެ ބޮލުގައި އަޅާފައި އޮތް ކޮތަޅު ނެގުމާއެކު އޭނާ ހެވިލާފައި ބުނަނީ އަފްޣާނިސްތާނަށް ޒިޔާރަތް ކުރުމަށެވެ.

އަފްޣާނިސްތާނާމެދު މީހުން ދެކޭ ގޮތް މަޖާ ގޮތަކަށް ދައްކުވައިދީފައިވާ މި ވީޑިޔޯގައި ރަހީނެއްގެ ގޮތުގައި ޙަރަކާތްތެރި ވަނީ އާންމުކޮށް މީހުން ޒިޔާރަތްކޮށް ނޫޅޭ ފަދަ ސަރަޙައްދުތަކަށް ދަތުރުކޮށް މީސްމީޑިޔާގައި މަޝްހޫރުކަން ހޯދާފައިވާ ‘އެކްސްޓްރީމް ވްލޮގަރ’އެއް ކަމަށްވާ މައިލްސް ރޫޓްލެޖެވެ. އޭނާ ބުނީ އޭނާ އެ ވީޑިޔޯ ކުޅެދިނީ ޠާލިބާނުންގެ އެދުމުގެ މަތިން ކަމަށެވެ. ގިނަ ބަޔަކު ވަނީ އޭނާ އެ ވީޑިޔޯގައި ބައިވެރިވީ އަމިއްލަ އިޚްތިޔާރުގައި، ރުހުމާއެކު ތޯ ސުވާލުކޮށް ސަމާސާކޮށްފައެވެ.

ވީޑިޔޯގައި ފެންނަ އިތުރު މަންޒަރުތަކުގެ ތެރޭގައި ކުރުތާ ލައިގެން ތިބި ބަޔަކު ބޮޑެތި ބަޑިތައް ހިފައިގެން އަފްޣާނިސްތާނުގެ ރީތި ކޯރުތަކުގައި ބަކަޖަހާ މަންޒަރު ވެސް ހިމެނެއެވެ. ހަތިޔާރު ހަރުކޮށްފައިވާ އުޅަނދުތަކުގައި އެލިގަނެގެން އުޅޭ މަންޒަރު ވެސް ފެނެއެވެ. އަފްޣާނިސްތާނުގެ ރީތި ޤުދުރަތީ މަންޒަރުތައް ވެސް ފެންނަ މި ވީޑިޔޯގައި ވަގަށް ނަގާފައިވާ ‘ފަތުރުވެރިން’ ތަފާތު ތަޖުރިބާތައްކުރާ ތަން ފެނެއެވެ. ރަހީނުކުރި ހަނގުރާމަވެރިންނާއެކު ޕިކަޕެއްގައި ދަތުރުކޮށް ރީތި މަންޒަރުތައް ބަލައިލާ، ތަފާތު ކެއުންތަކާއި ބުއިންތަކުގެ އަޖުމަ ބަލައި މަންޒަރު ވެސް ފެނެއެވެ. ހަނގުރާމަވެރިންގެ ބަޑިތައް ދިރާސާ ކޮށްލައި، އެ މީހުން ގޮތަށް ހެދުން އަޅައި މަޖާ ކުރާ މަންޒަރު ވެސް ފެނެއެވެ. ރަހީނަކަށް ‘އަލިފް، ބާ، ތާ’ ކިޔަވައިދޭތަން ވެސް ދައްކާލާފައިވެއެވެ.

މި ވީޑިޔޯ މީސްމީޑިޔާގައި ވައިރަލްވެ ގިނަ ބަޔަކު ހެއްވާލާފައިވާއިރު އަނެއް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ވަނީ އެއީ އިޝްތިހާރެއްް ނޫން ކަމަށާއި އެއީ އަފްޣާނިސްތާނުންދޭ އިންޒާރެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައެވެ. ނަމަވެސް އެއް ކަމެއް ޔަޤީނެވެ. ދުނިޔޭގެ އެހެން ތަންތަނަށް ދަތުރުކޮށްގެން ފެންނަ ރީތި ޤުދުރަތީ މަންޒަރުތައް އަފްޣާނިސްތާނުން ވެސް ފެންނާނެއެވެ. އެ ތަޖުރިބާ ހޯދުމަށް ޚަރަދުކުރަންޖެހޭ މިންވަރު ވެސް މަދުވާނެއެވެ. މުޅިން ތަފާތު ސަގާފަތަކާއި އާދަކާދަތައް ވެސް ތަޖުރިބާކޮށްލެވޭނެއެވެ. އެހެންކަމުން، އަފްޣާނިސްތާނުގެ ގޮތް ވެސް އެނގޭނީ އެ ޤައުމުގެ އަޖުމަ ބަލައިލީމާ ނޫންތޯއެވެ؟