ޚަބަރު

އިޖުތިމާޢީ ދުޅަހެޔޮކަން ޤާއިމުކޮށް، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދޭނަން: ރައީސް


  • ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

  • ކައުންސެލިންނާއި ދަރިމައިވުމުގެ ޞިއްހީ ނިޒާމު ހަރުދަނާކޮށް، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ވިދާޅުވި

އިޖުތިމާޢީ އަދި އިޤުތިޞާދީ ދުޅަހެޔޮކަން ޤާއިމުކޮށް، ޤައުމުގެ ކުރިމަގު އާރާސްތުކުރުމަށް ޒުވާނުންނަށް ފުރުޞަތުތައް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކައުންސެލިންނާއި ދަރިމައިވުމުގެ ޞިއްހީ ނިޒާމު ހަރުދަނާކޮށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުރު ރާސްތާއަށް ރޭވުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާބާދީއާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލަންޖެހޭ ކަމަށާއި ދޮށީ ޢުމުރުގެ ސަބަބުން ކުރިމަރިވާ ދަތިތަކަށް ޒުވާނުން ތައްޔާރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.


ދުނިޔޭގެ އާބާދީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އާބާދީތަކަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ މެދު ހޭލުންތެރިކަން އުފެއްދުމެވެ. މިގޮތުން ފާހަގަކުރެވޭ އެއް މައްސަލައަކީ ދިރިއުޅުމުގައި ދިމާވާ އެކި ދަތިތަކުގެ ސަބަބުން ދަރިން ހޯދުމަށް ޒުވާނުންނަށް މަގުފަހިނުވުމެވެ. މިއަހަރުގެ ދުވަހުގެ ޝިޢާރުވެސް ކަނޑައަޅާފައިވަނީ މި މައްސަލައާ ގުޅުވައިގެންނެވެ.

މިއަހަރުގެ އާބާދީ ދުވަހުގެ ޝިޢާރަކީ "އިންސާފުވެރި އުންމީދީ މާޙައުލެއްގައި ޢާއިލާތައް ބިނާކުރުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުން" މި ޝިޢާރެވެ. ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑް، ޔޫއެންއެފްޕީއޭއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ގިނަ ދަރިން ބޭނުންވި ނަމަވެސް، ދިމާވާ އިޖުތިމާޢީ، އިޤުތިޞާދީ އަދި ޞިއްހީ މައްސަލަތަކާއި ހުރަސްތަކާ ގުޅިގެން ދަރިން ނުހޯދިފައި ތިބި 14،000 އެއްހާ މީހުން 14 ޤައުމެއްގައި އެބަތިއްބެވެ.