ޚަބަރު

އައު ޓަރމިނަލް ހުޅުވުން ފާހަގަކުރުމަށް އެމްއޭސީއެލުން ހުޅުމާލޭގައި ރެލީއެއް


  • ރެލީގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަޑުކޮށްފައިވޭ

  • ރެލީގެ ތެރެއިން އައު ޓަރމިނަލާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވޭ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުން ފާހަގަކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލުން ރެލީއެއް ބާއްވައިފިއެވެ.

އެމްއޭސީއެލްގެ ރެލީ ފެށީ އެ ކުންފުނީގެ ހެޑް އޮފީހުންނެވެ. މި ރެލީގެ ތެރެއިން 4 ތަނެއްގައި މަޑުކޮށް، އައު ޓަރމިނަލާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފެރީ ޓަރިމިނަލާއި ދެވަނަ ފިޔަވަހީގެ ޕާކުތަކަށް މަޑުކޮށްފައިވެއެވެ.

ކޮންމެ ސަރަހައްދަކަށް މަޑުކުރުމަށްފަހު، އެއަރޕޯޓާ ގުޅޭ އެކި މަޢުލޫމާތުދީ، ސަގާފީ ހުށައެޅުންތައް ހުށައަޅައިދީ، ކުޑަކުދިންނަށް ހަދިޔާ ބަހާފައިވެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާ އެކި މެސްކޮޓުތަކާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ކުޑަކުދިންނަށް ހަދިޔާއެއްވެސް ދީފައިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ޢައިޝަތު ނާޒިމާ ވިދާޅުވީ ރެލީގެ މަޤުޞަދަކީ އައު ޓަރމިނަލް ހުޅުވުމުގެ އުފާވެރި މުނާސަބާއާ ގުޅޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދީ، ވީހާވެސް ގިނަ ބަޔަކު އެ އުފަލުގައި ބައިވެރިކުރުން ކަމަށެވެ. އަދި މި ރެލީ މާލޭގައިވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އައު ޓަރމިނަލާ ގުޅޭގޮތުން ޢާންމުން ހޯދަން ބޭނުންވާ އެކިއެކި މަޢުލޫމާތުތައް ހިއްސާކުރާނެ. އަދި ޓަރމިނަލާ ގުޅޭގޮތުން ކުއިޒްއެއްވެސް މި ރެލީގެ ތެރެއިން ކުރިއަށްދާނެ. ކުދިންނަށް ހަދިޔާއެއްވެސް ދެވޭ ގޮތަށް ކުރިއަށް މި ގެންދަނީ." ނާޒިމާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ މުނާސަބާގައި އެމްއޭސީއެލްއިން ދަނީ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަސްކަމުގައިވާ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ވީއައިއޭގެ އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވާނީ ދިވެހި އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަކަށެވެ. އެ ގޮތުން ޚިދުމަތް ދެވޭ ޕަސެންޖަރުންގެ އަދަދު އިތުރުވެ، ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަން މަގުފަހިވާނެއެވެ. މި ޓަރމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތްތަކާއެކު ޤާއިމުކުރެވޭ ޓަރމިނަލެކެވެ.