ޚަބަރު

ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ތަންތަނުގެ ރިޕޯޓް ހުށައެޅުމަށް އިތުރު މުއްދަތެއް


  • މިމަހުގެ 31 ގެ ކުރިން ރިޕޯޓް ހުށައަޅަންޖެހޭނެ

  • ހުށަނާޅައިފިނަމަ ހުއްދަ ބާޠިލުވާނެ

ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ކުންފުނިތަކުން އަހަރީ ރިޕޯޓް ހުށައެޅުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރު މުއްދަތެއް ދީފިއެވެ.

"ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ތަންތަނުން ނިމިދިޔަ އަހަރުގެ ރިޕޯޓެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށައަޅަންޖެހެއެވެ.

މި މުއްދަތުގައި ހުށަހަޅުއްވާފައިނުވާނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިޚުތިޔާރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ލިބިގެންވާކަމަށް ޤަވާއިދުގައި ބަޔާންކުރެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ރިޕޯޓް ޖޫން 30ގެ ނިޔަލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުށައެޅުމަށް ރިޕޯޓު ހުށައެޅުމަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މުއްދަތު ހަމަވާއިރު 2024 ވަނަ އަހަރުގެ ރިޕޯޓް ފުރިހަމަގޮތުގައި ހުށައަޅުއްވާފައިނުވާ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ ފަތުރުވެރިކަމާ ގުޅުންހުރި ދަތުރު ރާވާ ހިންގުމުގެ ހުއްދަ އެތާރީޚުން ފެށިގެން ބާޠިލުވާނެ ކަމަށާއި، ދެން އެފަރާތްތަކުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމާއި ގުޅުން ހުރި ދަތުރު ރާވާހިންގުމުގެ ކަންކަން ކުރެވޭނީ، އަލުން އެޕްލިކޭޝަން ހުށަހަޅުއްވާ ލައިސެންސް ލިބިގެންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.