ޚަބަރު

ވިދާދު ހަތްވަނަ ފަހަރަށް ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި


ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް އާމިނަތު ވިދާދު ހޯދައިފިއެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ވިދާދު 34 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރީ އައިޝަތު ނަހުފާއާއެވެ. ގައުމީ މުބާރާތުގެ ސިންގަލްސް ފައިނަލްގައި 9 ފަހަރު ކުޅެފައިވާ ވިދާދަކީ މިހާތަނަށް އެންމެ ގިނައިން ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަން ހޯދި ކުޅުންތެރިޔާއެވެ.

އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ވިދާދު ކާމިޔާބުކުރީ 2-1 ގޭމުންނެވެ. ފުރަތަމަ ގޭމު 24-17 އިން ނަހުފާ ކާމިޔާބުކުރި ނަމަވެސް، ވިދާދު ވަނީ ޖެހިގެން އައި ދެ ގޭމު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެ ދެ ގޭމު ވިދާދު ގެންދިޔައީ 21-11 އަދި 25-8 އިންނެވެ.

މުބާރާތުގެ ޗެމްޕިއަންކަަން ހޯދުމަށްފަހު ވިދާދު ބުނީ ހަތްވަނަ ފަހަރަށް ތަށި ދިފާއުކުރުމަށް މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ. އަދި ފައިނަލްގައި ވާދަކުރި އިދިކޮޅު ކުޅުންތެރިޔާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމުން ޕްރެޝަރަށް ވެއްޓުނު ވަގުތުތައް ދިޔަ ކަމަށެވެ. އަދި އެންމެ ގިނަ ފަހަރަށް ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުން ޗެމްޕިއަންކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ވިދާދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތަޖުރިބާވެސް ބޮޑު، އިންޓަރ ސުކޫލް ލެވެލްއިން ފެށިގެން ގައުމީ މުބާރާތްތަކާ ހަމައަށް އައިސްފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެެ.