ރޭ ނިމިގެންދިޔަ ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އިންގްލަންޑުގެ ޗެލްސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 115 މިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޖުމްލަ އަގަކީ 1 ބިލިއަން އެމެރިކާ ޑޮލަރެވެ. މި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 475 މިލިއަން އެމެރިކާ ޑޮލަރު ބަހާނީ މުބާރާތުގައި ކްލަބްތައް ހޯދާ ނަތީޖާތަކުގެ މައްޗަށެވެ. އަދި އަނެއް 525 މިލިއަން ޑޮލަރަކީ މުބާރާތުގައި ވާދަކުރި ޓީމުތަކަށް ދޭން ނިންމާފައިވާ އަދަދެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މޮޅުވާ ކޮންމެ މެޗަކަށް 2 މިލިއަން އެމެރިކާ ޑޮލަރު ދޭން ފީފާ އިން ނިންމާފައިވާއިރު ދެވަނަ ބުރަށް ދަތުރު ކޮށްފިނަމަ އިތުރު 7.5 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެ އެވެ. އަދި ކުއާޓަރ ފައިނަލަށް 13.125 މިލިއަން ޑޮލަރު ލިބިގެންދާއިރު ސެމީ ފައިނަލަށް ދަތުރު ކުރާ ޓީމުތަކަށް 21 މިލިއަން އެމެރިކާ ޑޮލަރު އަދި ފައިނަލުގެ ޖާގައެއް ހޯދާ ޓީމަކަށް އިތުރު 30 މިލިއަން ޑޮލަރު ލިބިގެންދާނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 40 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާއިރު ޕީއެސްޖީ 3-0 ގެ ނަތީޖާއަކުން ބަލިކޮށް ޗެލްސީ އިން މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 115 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެ އެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ފްރާންސްގެ ޕީއެސްޖީ އަށް ލިބިގެންދާއިރު މި މުބާރާތުގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި އަދަދަކަށް ފައިސާ ލިބިފައިވަނީ އޯކްލޭންޑް ސިޓީ އަށެވެ.
އީކްލޭންޑް ސިޓީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 657 ހާސް އެމެރިކާ ޑޮލަރު ލިބިފައިވާއިރު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ތިން މެޗުން އޯކްލޭންޑް ސިޓީ އަށް ވަނީ ޖުމްލަ 4.4 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ. މިއީ މިދިޔަ އަހަރު އެ ޓީމަށް ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ހަތް ގުނަ އިތުރު އަދަދެކެވެ.