ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ އަނބުރައި ވެރިފަރާތަށް ހޯދައި ދެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ހޯދި މި ފައިސާއަކީ އެކި ފިހާރަތަކަށް ޞައްޙަ ނޫން ބޭންކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާއެވެ.
މި މައްސަލާގައި ތުހުމަތުކުރެވެނީ 28 އަހަރުގެ ޒައިދާން މުޙައްމަދު ހާޝިމާއި ބަންގްލަދޭޝްގެ 30 އަހަރުގެ ރައްޔިތެއްކަމަށްވާ އަފްރިން އަކްތަރުގެ މައްޗަށެވެ. މި ދެ މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފޭކު ސްލިޕް ފޮނުވައިގެން މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން މީހަކު އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތުމާ ގުޅިގެން ހުށައަޅާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤުގައި ބެލި ބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އިތުރު ފިހާރަތަކަކުންވެސް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް އޮޅުވާލައިގެން މުދާ ގަނެފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ 2 އެޕާޓްމަންޓަކަށް، ފޭކު ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަޙުޤީޤާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ އަނބުރައި ވެރިފަރާތަށް ހޯދައި ދެވިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާނާއި އަފްރިން އަކްތަރު ހައްޔަރުކޮށް ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ތަޙުޤީޤަށް މި 2 މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ 2 މީހުން މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރައްވަމުންނެވެ.