ޚަބަރު

އެންޑީ އަބްދުﷲ އަވަހާރަވުމަކީ ލިބުނު ބޮޑު ގެއްލުމެއް- ރައީސް


ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ވިލާޑި ސޯސަން ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް އަވަހާރަވުމާ ގުޅިގެން، އެޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް އަވަހާރަވުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމާއި، ޑޮކްޓަރ ޢަބްދުﷲ އަކީ ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށްވުމާއެކު، އެ ރޮނގުން ރާއްޖޭގެ ވަރަށްގިނަ އަދަދެއްގެ ބަޔަކަށް ޚިދުމަތް ދެއްވާފައިވާ ޑޮކްޓަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަކީ، ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. 1964 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ އޭނާގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދިޔައީ ލިބެމުންނެވެ. ޚިދުމަތް ފެށްޓެވިއިރު އޭރު ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ދަތިކަމަކީ، ލޮލުގެ އެއްވެސް ބާވަތެއްގެ ބޭހެއް އޭރު ރާއްޖޭގައި ނެތުމާއެކު، އަދި ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ ސާމާނުވެސް ރާއްޖޭގައި ނެތުމެވެ. އެހެންކަމުން، އޭނާއަށް ޖެހިވަޑައިގަތީ ޢާންމު ބަލިތަކަށް ފަރުވާދެއްވަމުން ގެންދެވުމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަންނަވަން ފެށްޓެވިއެވެ.

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމްގެ ފާހަގަކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި، ދިރޭ ލޯޖެހުން، 1981 ވަނަ އަހަރު ރާއްޖެއަށް ތަޢާރުފް ކުރެއްވުން ހިމެނެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫޢު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީވެސް އޭނާއެވެ.

އިއްޔެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއިރު ހޮސްޕިޓަލްގެ މުހިންމު މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. މިގޮތުން، ރަޖިސްޓްރާރ އިން އޮފްތަލްމޮލޮޖީގެ މަޤާމާއި، އައި ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވިއެވެ. އޭގެއިތުރަށް މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ގޮތުންވެސް ޚިދުމަތް ކުރެއްވިއެވެ. 14 ޖަނަވަރީ 2007 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ މެޑިކަލް ސުޕްވައިޒަރުގެ މަޤާމުގައެވެ. ޑޮކްޓަރ ޢަބްދުﷲ އަކީ އޭނާގެ ޚިދުމަތް، ސަރުކާރުގެ ދާއިރާގެ އިތުރުން، އަމިއްލަފުޅުގޮތުންވެސް ގިނަ އަދަދެއްގެ ބަޔަކަށް ދެއްވާފައިވާ ބޭފުޅެކެވެ.

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަކީ ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅުގެ މެންބަރުކަން 14 އަހަރުދުވަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އޭނާއަށް ވަނީ ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތް (ނ.ރ.ޝ.ޢ)، 2011 ވަނަ އަހަރު އަރުވާފައެވެ.