ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ރައްޔިތުންގެ އަޑު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.
އައު ފަސިންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ޢިލްމުގެ ބެކްގްރައުންޑުން އެތަން ބެއްލެވިއިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެވަޑައިގެންނެވިކަމަށާއި، އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރިނަމަވެސް މުހިންމު މަސައްކަތްތައް ނުނިމި އަދި ބައެއް މުހިންމު މަސައްކަތް ނުފަށާ އޮތްކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާ އެނގޭ ކޮންމެ މީހަކަށްވެސް އިމާރާތެއްގެ މަސައްކަތް ނިމޭނީ ކިހާވަރަކަށް ނިމުމުންކަން އެނގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓަރމިނަލްގެ އެތެރޭގެ ގިނަ ކަންތައްތައް ހުރީ ނުނިމިކަމަށެވެ. ހަމައެކަނި ޓާމިނަލްގެ އިމާރާތުން ނިމުނީ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޓާމިނަލް އޮޕަރޭޝަނަށް ގެންނަނަމަ ކުރަންޖެހޭ އެތައް ކަމެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ޓާމިނަލްއަށްދާން އޮންނަ މަގު ކަމަށެވެ. އެއިރު މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް. އެއަރޕޯޓްގެ ޓާމިނަލް ހަގީގަތުގައި އެއްވެސް ކަހަލަ ގޮތަކަށް ބޭނުން ހިފުމަށްޓަކައި ހަދަންޖެހޭ މަގެއް އެއީ. މައިބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ، ނެތް ބަޔަކާއި ހަވާލުކޮށްފައެއް. ހަދަންވެސް ނެތީ ހަވާލުކޮށްފަވެސް އެ މަގު ހަދާކަށް. މަގުވެސް އަޅުގަނޑުމެން ހަދަން ހަވާލުކުރީ ބަޔަކާއި. މިހާރު ނިމުމަކަށް އައިއްސަ އެއޮތީ. ޓާމިނަލް ޕްރޮޖެކްޓްގެ %54 އެއިރު ނިމިފައި އޮތީ. ޓާމިނަލް ނިމުނަކަސް ތަން ބޭނުމެއް ނުކުރެވޭ މަގު ހެދިފައި ނެތިއްޔަކާ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓަރމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތައް ތަރައްޤީކުރާއިރު ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭކަމަށެވެ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އެއްވެސް ބަޔަކާއި ހަވާލުކޮށްފައި ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަންޖެހޭނެ. އެތަންވެސް ނެތް ބަޔަކާއި ހަވާލުކޮށްފައި. ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ހުރިހައި ތަނެއްވެސް ހަމަ ދޫކޮށްލާގޮތައް އޮތީ. އެއްވެސްކަމެއް ނެތް އެތާ ހަވާލުކޮށްފައެއް. މިކިޔާ %54 ސްކޯޕްގެ ތެރޭގައި ނުވެސް ހިމެނޭ އެކަންތައްތައް. ނިމިފައި އޮތް %54 ސްކޯޕަށް ބަލާއިރު އޭގެތެރޭގައިވެސް ނުހިމެނޭ ކަމެކޭ މިކަމަކީވެސް. އެވެސް އަޅުގަނޑުމެން މި ހަވާލުކުރީ ބަޔަކާ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ވެލާނާ އިންތަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ކުރީގެ ސަރުކާރުތަކުން ކޮށްދެއްވި މަސައްކަތްތައްވެސް ފާހަގަކުރައްވަފައެވެ.
ރައީސް ވިދާޅުވީ އައު ޓަރމިނަލަކީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ތަނެއްކަމަށެވެ. އައު ފަސިންޖަރ ޓަރމިނަލާއެކު އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށާއި، އެއަރޕޯޓަށް އަންނަ ކޮންމެ ކުރިއެރުމަކީ ހުރިހައި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސިފަކުރެއްވިއެވެ.