ރާއްޖޭގެ އެކި ހިސާބުތަކުގައި މަލްޓި ސްޕޯޓްސް އިންޑޯ ހޯލް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ވަޒީރު ވިދާޅުވީ މިހާރު ވެސް 15 ރަށެއްގައި މަލްޓި ސްޕޯޓްސް އިންޑްހޯލު ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ވޮލީއަށް ހާއްސަ އިންޑޯ ހޯލެއް ގާއިމު ކުރުމައްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އޭރިއާއަށް ހާއްސަކޮއްގެން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކުޅިވަރު ކޮންޕްލެކްސްތަކުގެ މަސައްކަތް ވެސް މިއަހަރު ފެށިގެން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެމަސްތެރޭގައި އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ތަން ފެންނާނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ." ރާފިއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމީ ކޮންމެ ކުޅިވަރަކަށް އެ ކުޅިވަރަކަށް ހާއްސަ ވަކި ތަނެއް އޮށްނަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެފަދަތަންތަނަށް ކަމަށެވެ.
ރާއްޖޭގެ އެހިނެހެން ކުޚިވަރުތަކުން ވެސް މިހާރު އަމިއްލަ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވާފަވާ ކަމަށް ވަޒީރު ވަނީ ފާހަގަކޮއްފައެވެ.
" އަޅުގަނޑުމެނަށް އެބަ ފެނޭ އެހެނިހެން ކުޅިވަރުތަކުން މިހާރު އިންޑޯ ފެސެލިޓީ އެކި ސިފަ ސިފައިގައި އަންނަތަން އޭގެ ތެރޭގައި ބާސްކެޓް، ހޭންޑްބޯލް ފާހަގަކޮއްލަން." ރާފިއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އުންމީދަކީ ވޮލީއަށް ވަކިން ހާއްސަކޮށް ބޭނުންހިފޭނެ ވަކިތަންތަނެއް އުފެދިގެން އަންނާނެކަމަށެވެ. ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމައްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނައިރު އިންޑޯއަށް ހާސަށްކޮއްގެން ކުޅޭ ކުޅިވަރުތަކުގައި އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތުންމީ ދިމާވާ ބޮޑު ގޮންޖެހުމެކެވެ.
ރާއްޖޭގައި މިވަގުތު ހަތަރު ކުޅިވަރެއްގައި މުބާރާތްތައް ބޭއްވުމާއި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް އޮތީ ޖާގަ ތަނަވަސް އެންމެ އިންޑޯހޯލެކެވެ.