2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ސަރުކާރުގެ ސަކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލައިފިއެވެ.އަންނަ ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީ މަހުއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހުޅުވާލާފަވަނީ 15 ޖުލައިން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށްކަމަށެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުށައަޅަންޖެހެނީ ހަމަ މި މުއްދަތުގެތެރޭގައެވެ.
އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގެ ފުރުޞަތުވެސް މީގެތެރޭގައި ހިމެނެއެވެ.
ފޯމު ހުށައެޅޭނީ https://myoffice.moe.gov.mv/forms/id/2 ލިންކް މެދުވެރިކޮށެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1އަށް 2000އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފަވެއެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000އަށްވުރެ ގިނަ ކުދިން ގްރޭޑް 1އަށް ވަނީ ވައްދާފައެވެ. މިހާރު ކުރިއަށްދާ ދިރާސީ އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ.
ރާއްޖޭގެ ސްކޫލްތަކުގެ އާބާދީގެ %33 ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގެ ސްކޫލްތަކުގައެވެ. މިވަގުތު މާލެ ސަރަޙައްދުގައި 19 ސްކޫލެއްގައި ކިޔަވައިދެމުން އާދެއެވެ.
މާލެ ސަރަޙައްދުގަިއ މިހާރު އެންމެ ބާރަށް އާބާދީ އިތުރުވަމުން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އަންނަ ދިރާސީ އާ އަހަރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ ސްކޫލެއް ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ޝަހީދު އަލީ ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
މިއަހަރުގެ ދިރާސީ އަހަރު ނިންމާ، ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ދެން ކޮންމެ އަހަރަކުވެސް ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީ މަހުއެވެ. އަދި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަޢުލީމީ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.