އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ފޮނުއްވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ގުޅުވާ، މިމަހުގެ 26 ވަނަ ދުވަހުއެވެ. ޓަރމިނަލް ހުޅުވުމަށް 10 ދުވަހަށް ވެފައިވާއިރު، މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އާ ޓަރމިނަލް ހުޅުވުމަށް ބާއްވާ އުފާވެރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ކުރީގެ ރައީސުންނަށް އެރުވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ދަޢުވަތު ވަރަށް އަވަހަށް އެ ބޭފުޅުންނަށް ފޮނުއްވާނެކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ވެލާނާ އިންޓަރނޭޝަން އެއަރޕޯޓް ހުޅުވާފައިވަނީ 1960ވަނަ އަހަރު، ކުރީގެ ރައީސް އިބްރާޙިމް ނާސިރުގެ ވެރިކަމުގައެވެ. އޭގެފަހުން އެކި ބޭފުޅުންގެ ވެރިކަންތަކުގައި ވީއައިއޭގެ ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރިއަށްގެންގޮސްފަވެއެވެ. އަދި އެ މަސައްކަތްތަކާއެކު ވޭތުވެދިޔަ 65 އަހަރުގެތެރޭގައި ވީއައިއޭއަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ އައިސްފައެވެ.
ވީއައިއޭގެ އާ ޓަރމިނަލްގެ މަސައްކަތަކީ މީގެ 9 ވަރަކަށް އަހަރު ކުރިން ފެށި މަޝްރޫޢުއެކެވެ. ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް ނިންމާ ޚިދުމަތަށް އައިސްފައެއް ނުވެއެވެ.
ވޭތުވެދިޔަ 9 އަހަރުތެރޭގައި ޓަރމިނަލް މަޝްރޫޢުގައި ނިންމާފަވަނީ %54 މަސައްކަތެވެ. އާ ސަރުކާރު ހަވާލުވިއިރު ޓަރމިނަލްގެ މަސައްކަތުގައި ނިންމާފަވަނީ ބައެއް ކޮންކްރިޓް މަސައްކަތްތަކާ، މަލަމަތިން ފެންނަ ފަސާޑުގެ މަސައްކަތެވެ. ޓަރމިނަލްގެ ޑިއުޓީ ފްރީއާ ކޮމާޝަލް އޭރިއާ އަދި އެތެރޭގެ ވަރަށް ގިނަ މަސައްކަތްތަކާ ޓަރމިނަލްގެ މައި މަގުގެ މަސައްކަތަކީ އެއްވެސް، ކޮންޓްރެކްޓްކޮށްފައިވެސް ނެތް މަސައްކަތްތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެންމެ ބޮޑު އެއް މަޝްރޫޢުއަކީ ވީއައިއޭގެ އާ ޓަރމިނަލްގެ މަސައްކަތެވެ. ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދާއި އެންމެ ބޮޑަށް ގުޅިފައިވާ އެންމެ މުހިންމު މަޝްރޫޢުއެވެ. އެ ވިސްނުންފުޅުގެ ދަށުން ކުރެއްވި މަސައްކަތުން އެމަނިކުފާނުގެ ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި އާ ޓަރމިނަލްގެ މަސައްކަތްތައް ނިންމައި، ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.