ކުޅިވަރު

ލިވަޕޫލްއިން ބަޔާން މިއުނިކަށް ޑިއާޒް ނުވިއްކާނެ


ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ގަތުމަށް ޖަރުމަނުގެ ބަޔާން މިޔުނިކުން ހުށަހެޅި 58 މިލިޔަން ޕައުންޑުގެ ބިޑަށް ލިވަޕޫލްއިން ނޫނެކޭ ބުނެފިއެވެ.

މި މަހުގެ ކުރީ ކޮޅު ވެސް ބަޔާންއިން ވަނީ އޭނާ ގަތުމަށް ލިވަޕޫލަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ލިވަޕޫލްގެ ޖަވާބަކީ އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

އުމުރުން 28 އަހަރުގެ ޑިއާޒް ހުރީ ލިވަޕޫލާއެކު 2027 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހަދައިގެންނެވެ. އޭނާ ގަތުމަށް ބަޔާންގެ އިތުރުން ސްޕޭނުގެ ބާސެލޯނާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިވަޕޫލުން ކުޅުންތެރިޔާ ދޫކޮށްލަން އެއްބަހެއްނުވެއެވެ.

ޑިއާޒް ވިއްކާނަމަ ލިވަޕޫލުން އެކަމާ ވިސްނާނީ ވެސް 100 މިލިއަން ޔޫރޯ ހުށަހަޅައިފިނަމަ އެކަނި ކަމަށްވެސް ސްޕޭނުގެ އިނގިރޭސި ނޫސްތަކުން ބުނެއެވެ. ނަމަވެސް މިއީ ބަޔާން އާއި ބާސެލޯނާ ވެސް ދޭން ބޭނުންވާ އަގެއްނޫނެވެ.

ޑިއާޒް ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް 22 ގޯލު ޖަހައިދީފައެވެ.

ޑިއާޒަކީ ބާސެލޯނާގެ ސަޕޯޓަރެކެވެ. އަދި ޑިއާޒްގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު ބާސެލޯނާގެ ޖާޒީގައި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރިން ބުނެފައެވެ.

ބާސެލޯނާއިން ޑިއާޒް ގަތުމަށް އިތުރަށް މަސައްކަތް ކުރަން މި ފެށީ އެކުލަބުގެ މާލީ ހާލަތު ރަނގަޅުވާން ފެށުމުންނެވެ. ހާއްސަކޮށް ސްޕެނިޝް ލީގުން ދީފައިވާ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ކުޅުންތެރިންނަށް ކުރެވޭ ހޭދަ އާއި މުސާރައިގެ ގޮތުގައި ދެވޭނެ އަދަދުގެ ލިމިޓް މިހާރު އެކުލަބަށް ވަނީ އިތުރުވެފައެވެ.

މިހެންވެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އެންމެ ބޮޑަށް ފާރަލަމުން އަންނަ އެއް ކުޅުންތެރިންތެރިއަކީ ވެސް ޑިއާޒް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.