އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ރާރާ ޕްރޯ - މޯލްޑިވްސް ކައިޓް ބޯޑިން އެކްސްޓްރާވެގެންޒާ" 2026 ވަނަ އަހަރަށް އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ކ. ދިއްފުށީގައި ނިމިގެންދިޔަ "ރާރާ ޕްރޯ 2025 - މޯލްޑިވްސް ކައިޓް ބޯޑިން އެކްސްޓްރާވެގެންޒާ" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
2026 ވަނަ އަހަރަށް އިއުލާންކުރި މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އައިކޯނިކް އިވެންޓްސްގެ ފައުންޑަރ ހަސަން ރަޝީދު (ރަޝް)ބުނީ އަންނަ އަހަރުގެ މުބާރާތް ކުރިއާލާ އިއުލާންކުރުމުގައި ސަބަބުތަކެއް އެބަހުރިކަމަށެވެ. އެއްކަމަކީ ދުރާލާ މުބާރާތް އިއުލާންކުރެވިގެން ދިއުމުން މުބާރާތުގައި ވާދަކުރަން ބޭނުންވާ އެތުލީޓުންނަށް ކުރިއަށް މިއޮތް ދުވަސްތަކުގައި މުބާރާތަށް ތައްޔާރުވާން ވަގުތު ލިބުންކަމަށެވެ. އޭގެ އިތުރުން މިމުބާރާތަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާވެސް ގުޅިފައިވާ އިވެންޓަކަށްވުމުން ސްޕޮންސަރުންނަށާ، އިޝްތިހާރުކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު އަވަހަށް ހުޅުވާލުމަކީ ރާރާ ޕްރޯ 2026 ދުރާލާ އިއުލާންކުރުމުގެ މަގްސަދެއްކަމަށް އޭނާ ފާހަގަކުރިއެވެ.
"މިއަދު ހަމަ އަޅުގަނޑު ބޭނުންވީ މި މޮމެންޓަމްގަ މިއަންނަ އަހަރުގެ އެޑިޝަންވެސް އެނައުންސްކޮށްލަން. އެތުލީޓުން ލުކް ފޯވަރޑްކުރާނެ އިތުރު އިވެންޓެއް ހަމަ އަނެއްކާވެސް ކުރިއޭޓްކޮށް ޕާރޓްނާޒް، ސްޕޮންސާރޒްއަށް އިތުރު އޮޕޮޗިއުނިޓީޒްތަކެއް މީހަމަ އެޑްވަޓައިޒާރސްއަށްވެސް ދޭން" ކާމިޔާބުކަމާއެކު ނިމިގެން ދިޔަ "ރާރާ ޕްރޯ 2025 - މޯލްޑިވްސް ކައިޓް ބޯޑިން އެކްސްޓްރާވެގެންޒާ"އަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހަސަން ބުނެފަވެއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ރޭހެއް ޖަހާފައިވާއިރު އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ކެޓެގެރީއަކަށް ބަހާލައިގެންކަމަށް ހަސަން ފާހަގަކުރިއެވެ. މިގޮތުން އަންނަ އަހަރުގެ މުބާރާތުގައި ރޭހުގެ އިތުރުން ފްރީސްޓައިލް ކެޓެގެރީ އިތުރުވާނެކަމަށް އޭނާވަނީ ބުނެފައެވެ. މި ކެޓެގެރީ އިތުރުކޮށްފައިވަނީ ރާއްޖޭގައި ގިނަ އަދަދަކަށް ފްރީ ސްޓައިލް އެތުލީޓުން ހަރަކާތްތެރިވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް އައިކޯނިކް އިވެންޓްސްގެ ފައުންޑަރ ބުންޏެވެ.
"ދެން މިއަހަރު އެނައުންސްކުރި މި އިވެންޓުގައި އަޅުގަނޑުމެން އެޑް މިކޮށްލަނީ ފްރީސްޓައިލް ކެޓެގެރީ. އެއީ ރާއްޖެގައި އެބައުޅޭ ކައިޓްބޯޑިންގަ ފްރީސްޓައިލްގަ ވާދަކުރަން ބޭނުންވާ ވަރަށް ގިނަ އެތުލީޓުން. ސޯ މިފެށީ ރޭހަކުން. މަޑުމަޑުން މީތި އިތުރަށް ގްރޯކުރަން އަޅުގަނޑުމެން ހަމަ ބޭނުންވަނީ. އެހެންވީމަ މިއަންނަ އަހަރު ޖޫންމަހު ރިޓާންވާނެ ރާރާ ޕްރޯ. ހަމަ މި ލޮކޭޝަނުން. ދިއްފުށިން ވިތު ޓޫ ޑިވިޝަންސް، ރޭސް އަދި ފްރީސްޓައިލް" އަންނަ އަހަރަށް އިއުލާންކުރި މުބާރާތާގުޅޭގޮތުން ހަސަން ބުންޏެވެ.
އަންނަ އަހަރުގެ ރާރާ ޕްރޯގެ މަންޒިލަކަށްވެސް ދިއްފުށި ކަނޑައެޅީ އެރަށަކީ މާލެއާއި ކައިރި ރަށަކަށްވެފައި ފަޅު ބޮޑު ރަށަކަށްވުމުންކަމަށް ހަސަން ބުންޏެވެ. އޭގެ އިތުރުން އެރަށަކީ 2007 ވަނަ އަހަރުންފެށިގެން ކައިޓް ދުއްވަމުން އަންނަ ރަށެއްކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން މިފަދަ މުބާރާތެއް ކުރިއަށް ގެންދަން މިއީ ވަރަށް އެކަށޭނަ މަންޒިލެއްކަމަށާ ކުރިއަށް މިއޮތް ތިން އަހަރުވެސް ރާރާ ޕްރޯގެ މެއިން އިވެންޓު ކުރިއަށްދާނީ މިރަށުންކަމަށް އޭނާ ބުނެފަވެއެވެ.
މި ޖުލައިމަހުގެ 10އިން 12 އަށް ދިއްފުށީގައި ކުރިއަށްދިޔަ "ރާރާ ޕްރޯ 2025 - މޯލްޑިވްސް ކައިޓް ބޯޑިން އެކްސްޓްރާވެގެންޒާ" ގައި 23 އެތުލީޓުން ވާދަކޮށްފަވާއިރު، އެމުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ އެއްވަނަ ކައިޓް ބޯޑަރުކަމަށްވާ ހަސަން މާހިރު (ހަންޓޭ) އެވެ. އޭނާއަށް އިނާމުގެ ގޮތުގައި ފަސް ހާސް ރުފިޔާ ލިބިފައިވާއިރު ދެވަނަ އަށް ދިޔަ މުހަންމަދު ރާއިފް ޝަނީޒް (ރާއިއްޕެ)އަށް ވަނީ އިނާމުގެ ގޮތުގައި ތިން ހާސް ރުފިޔާ ލިބިފައެވެ. އަދި ރޭހުން ތިންވަނަ ހޯދި ވިސާމް މުހަންމަދުއަށްވަނީ ދެ ހާސް ރުފިޔާގެ ފައިސާއެއް އިނާމެއް ލިބިފައެވެ.