އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ދައުލަތަށް 20.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވުމެކެވެ.
ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، 10 ޖުލައިގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަވަނީ އިތުރުވެފައެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 928 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 54.4 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 53.3 އިންސައްތަ ވަނީ އިތުރުވެއެވެ. އެއީ ޖުމްލަ 940 މިލިޔަން ރުފިޔާއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ.
އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 54.4 އިންސައްތަވަނީ އިތުރުވެ 1.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން އިތުރުވެފައެވެ.