ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޚިދުމަތް، މާފަންނު ޓީޖެޓީ ކުރިމަތިން ހަދަން ފަށާފައިވާ އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ. މިއިމާރާތުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތައްކާ ބެހޭ ވަޒީރާއި، ފުލުހުންގެ ކަމާގުޅުން ހުރި އިސް ފަރާތްތަކުން ވަނީ ބައްލަވާލައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބެލުމުގެ ޚިދުމަތް، އެފްސީޕީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އިމާރާތަކީ ޖާގައިގެ ގޮތުން ދަތި އިމާރާތެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އޭގެސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ބާވަތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިވަގުތު އެފްސީޕީން ބަލާ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ހިމެނޭ، އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތުކުރެވޭ ފަރާތްތައް، އެއް ތަނެއްގައި ބައިތިއްބަންޖެހުމުގެ މައްސަލަވެސް ވަރަށް ބޮޑަށް ދިމާވާކަމަށް ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތް ޓީޖެޓީ ކުރިމަތިން ހަދަމުންދާ އިމާރާތަށް ބަދަލުކުރުމުން ޖާގަ ތަނަވަސްވެ، މައްސަލަތައް ބެލުމަށްވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ޚާއްސަކޮށްގެން، މާފަންނު ޓީޖެޓީ ކުރިމަތިން ހަދަން ފަށާފައިވާ ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ އާދަމް ޝަރީފު އުމަރު ބައްލަވާލައްވައިފި. pic.twitter.com/SqzgZ33v8b
— Ministry of Cities, Local Government, Public Works (@MoCLPmv) July 16, 2025
އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަން އަންނައިރު އެކަމަށް ޚާއްޞަ ކުރެވިގެން ޚިދުމަތް ދެވޭނެ ގޮތަށް ޚިދުމަތްތައް ތަރުތީބު ކުރެވިގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަތައް ބެލުމުގައި ކުޑަކުދިންނާ ރައްޓެހި މާޙައުލެއް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ކުށުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއި ތުހުމަތު ކުރެވޭ ކުދިން އެފްސީޕީއަށް ހާޒިރުވެގެންނާއި، ހާޒިރުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެއެވެ.
މީގެއިތުރުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އިމާރާތާއެކު، ޖުމްލަކޮށް އެފްސީޕީން ބަލަމުންދާ މައްސަލަތަކާއި ދެވޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަގުފަހިވެގެންދާނެކަމަށެވެ.