ޚަބަރު

ޣައްޒާގެ ކުލިނިކުތަކުގައި ފަރުވާ ދެމުންދާ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކަށް ފައިދާހުރި ކާނާ ނުލިބޭ


އެކުވެރި ދައުލަތްތައް (އދ)ން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާ (އުންރްވާ)ން ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ކުލިނިކުތަކުގައި ތިބި ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށް މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. މެލްނިއުޓްރިޝަނަކީ ޞިއްޙަތަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ޞިއްޙީ ހާލަތެކެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އެއާ އެކު، ޣައްޒާގެ ކުޑަކުދިން ވަނީ ފައިދާހުރި ކާނާއިން މަޙްރޫމުވެފައެވެ.

"މެލްނިއުޓްރިޝަންގެ ހާލަތު ޣައްޒާގައި އިތުރުވަމުންދާ ކަމުގައި އަޅުގަނޑުމެންގެ ޞިއްޙީ ޓީމުތަކުން ބުނޭ، ޚާއްޞަ ގޮތެއްގައި މީގެ ހަތަރު މަސް ކުރިން، މާރިޗު 2ވަނަ ދުވަހު ފުރަބަންދު ހަރުކަށި ކުރުމާ އެކު ހާލަތު ވަނީ ގޯސްވެފައި،" އުންރްވާގެ ތަރުޖަމާނު ޖޫލިޔެޓް ތޫމާ ވިދާޅުވިއެވެ.

2024ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ފަސް އަހަރުން ދަށުގެ 240,000 ފިރިހެން އަދި އަންހެން ކުދިންގެ ޞިއްޙީ ހާލަތު އުންރްވާން ވަޒަން ކޮށްފައިވާ ކަމުގައި ތޫމާ ވިދާޅުވިއެވެ. ޣައްޒާ ޤަތުލުޢާންމު ފެށުމުގެ ކުރިން މެލްނިއުޓްރިޝަންގެ ހާލަތަކީ ޣައްޒާއިން ޢާންމުކޮށް ފެނިފައިވާ ހާލަތެއް ނޫން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑާއި ވާހަކަދެއްކި ނަރުހަކު ބުނީ، މެލްނިއުޓްރިޝަންގެ ހާލަތަކީ ފޮތްތަކާއި ޑޮކިޔުމެންޓްރީތަކުން ނޫނީ މީގެ ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާ ހާލަތެއް ކަމުގައި. ބޭސް، ފައިދާހުރި ސާމާނު، ގައިންތާހިރުވުމަށް ބޭނުންވާ ސާމާނު، އަދި ތެޔޮ ދަނީ ހަލުވިކަމާ އެކު ހުސްވަމުން،" ތޫމާ ވިދާޅުވިއެވެ.

މާރިޗު 19ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، އެ ކަން ކުރުމުގެ ފުރުޞަތު އޮތީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖިއެޗްއެފަ)ށް އެކަންޏެވެ. އެއީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެއާ އެކު، އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވަނީ ފެޔަށް ޖައްސާފައެވެ.