އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީހުން އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސައި ނުދިން ފަރާތްތައް އެކަން ފުލުހުންނަށް ހުށައެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ..
އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައި ނުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފައިސާ ދެއްކުމަށް ފަހު، ފުރުމަށް ހަފްތާއަކަށްވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެކަމަށް އެ ގްރޫޕުން ވަނީ އަންގާފައެވެ. އޭގެ ކުރިން އުމްރާއަށް ދެވޭނެ ކަމުގެ ޔަޤީންކަންދީ، ފުރަން މާލެ އައުމަށްވެސް ރަށްރަށުގައި ތިބި ފަރާތްތަކަށް އެ ގްރޫޕުން ވަނީ ދައުވަތު ދީފައެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވާރާކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އެގްރޫޕުގެ ފަރާތުން މިފަދަކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ، އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަމްބަރ 9790048 އަށް ގުޅައި، ނުވަތަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ، މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
މިމައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކާމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، މި މައްސަލާގައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަސްކޮއި ގްރޫޕަށް ފިޔަވަޅު އަޅާނެކަން ވަޒީރު ހާމަކުރެއްވިއިރު، މީގެ ކުރިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއި އެގްރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ވުމާއި ގުޅިގެން، އެގްރޫޕް 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެއިތުރުން މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލައެއްގައި ރީފަންޑު ފައިސާ އަނބުރާ އެފަރާތަށް ޙަވާލުކުރުމަށްވެސްވަނީ އޭރު އަނގާފައިވެއެވެ.